އިލެކްޝަންސް ކޮމިޝަނުން ބުނީ އެއްވެސް ޕާޓީއެއްގައި ހިމެނޭ މެމްބަރަކު އެ ޕާޓީންއަކުން ވަކިވާން ބޭނުންވެއްޖެނަމަ ހުށައަޅަން ޖެހޭނީ އީސީގެ ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އަދި އެކަމަށް ހުށަހެޅުމުން ވަގުތުން ޕާޓީން ވަކިކޮށްދޭން މިހާރު ނިންމާފައިވާކަމަށް އީސީން ބުނެއެވެ. އަދި އެ އުސޫލަށް އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަމަށް އީސީން ބުނެއެވެ.
އާއްމު މެމްބަރުން ޕާޓީން ވަގުތު ވަކިކޮށްދިން ނަމަވެސް މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުން ޕާޓީން ވަކިކުރުމަށް މުއްދަތެއް ނަގާނެކަމަށެވެ. އަދި އެމީހުން ޕާޓީން ވަކިކުރާނީ ގާނޫ ގޮތުން ސާފުކުރަން ޖެހޭ ހުރިހާކަމެއް ސާފުކުރުމަށްފަހުކަމަށް އީސީން ބުނެއެވެ.
އެއްވެސް މީހަކު މިހާރު ޕާޓީއަކަށް ވަންނަން ނުވަތަ ޕާޓީއަކުން ވަކިވާން ބޭނުންވާ ނަމަ އެކަން ކުރަން ޖެހޭނީ އީ-ފާސް މެދުވެރިކޮށް ޕޯޓަލަށް ހުށަހަޅައިގެންކަމަށް އީސީން ބުނެއެވެ. އެގޮތަށް ހުށައެޅުމުން އޭރުން ސީދާ އެ ޕާޓީއަކަށާއި އެމީހަކަށް އަދި ކޮމިޝަނަށް އެކަން އެނގިގެންދާނެކަމަށް އީސީން ވަނީ ބުނެފައެވެ. އަދި އެއްވެސް މީހަކަށް ޕާޓީއަކަށް ވަދެވޭނީ އެ ޕާޓީއަކަށް އާއެކޭ ބުނުމުންކަމަށްވެސް އީސީން ވަނީ މީގެކުރިން ބުނެފައެވެ.