ކަސްޓަމުން ބުނީ ރާއްޖެއަށް ވައްދަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ ހުކުރު ދުވަހުކަމަށެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ކެނަބިސް ކަމަށާއި އެތަކެތި ރާއްޖެއަށް ވައްދަން އުޅުނީ ވައިގެ މަގުންކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރާ ކަމަށެވެ.
މި މައްސަލާގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމަނުކުރެއެވެ.
ރާއްޖެއަށް އެތެރެކުރުން އުޅުނު ގިނަ އަދަދެއްގެ ޑްރަގްސް ކަސްޓަމުން އަތުލައިގެންފައި މިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމާ ގާނޫނު ފާސްކޮށްފައި ވަނިކޮށެވެ.
މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލަާހުގައި ވާ ގޮތުން މަރުގެ އަދަބު ދޭނީ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމައެވެ.
ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ.
މަރުގެ އަދަބު ލިބޭ ހާލަތްތައް
ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާނަމަ ކަމަށެވެ.
ޑްރަގު އެތެރެކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުންކަމަށް ބިލުގައި ވަނީ ހިމަނާފައެވެ