1970 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ވިޔަފާރި ހުއްޓާލަން ނިންމައި، އެކަން އަތޮޅު ކައުންސިލުން މިހާރުވަނީ އިއުލާންކޮށްފައެވެ. އަތޮޅު ކައުންސިލުން ނިންމާފައިވަނީ މި އަހަރަށް ފަހު، އަތޮޅު ސްޓޯރުން އާއްމު ވިޔަފާރި ކުރުން ހުއްޓާލާށެވެ. އެހެންނަމަވެސް ވިޔަފާރި ހުއްޓާލަން ނިންމި ސަބަބެއް އަތޮޅު ކައުންސިލުން އާއްމުކޮށްފައެއް ނުވެއެވެ.
ފ. އަތޮޅު ސްޓޯރުގެ ވިޔަފާރި ހުއްޓާލަން ނިންމިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ، އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީއަށް ގެނައި އިސްލާހު މިހާރު ތަސްދީގު ކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފ. އަތޮޅު ސްޓޯރުގެ ވިޔަފާރިއަކީ 1970 ގެ އަހަރުތަކުން ފެށިގެން ކުރަމުން އަންނަ ވިޔަފާރިއެކެވެ. އަތޮޅު ރައްޔިތުންގެ ނަމުގައި މިފަދަ ވިޔަފާރިއެއް ފެށުމުގެ މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރު ކުރުމަށާއި، އަތޮޅުގެ ރައްޔިތުންނަށް ލުއި އަގެއްގައި ބޭނުންވާ މުދާ ފަސޭހަ ކަމާއެކު އަތޮޅުސްޓޯރުން ލިބޭނެގޮތް ހަމަޖެއްސުމެވެ.
އަތޮޅުސްޓޯރުގެ ވިޔަފާރި ފައްޓާފައިވަނީ ފ. މަގޫދޫގައެވެ. އެކަމަކު ރައީސް މައުމޫންގެ ވެރިކަމުގައި، އަތޮޅުގެ ވެރި ރަށް، ނިލަންދޫއަށް ބަދަލު ކުރުމަށް ފަހު، އަތޮޅު ސްޓޯރުވެސް ފަހުންވަނީ ނިލަންދޫއަށް ބަދަލުކޮށްފައެވެ.