މަރުވިއިރު އޭނާގެ އުމުރަކީ 93 އަހަރެވެ. އޭނާއަކީ ފިލްމީ ދާއިރާގެ އިތުރުން ކުރެހުމުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ފަންނާނެކެވެ.
އޭނާ މަރުވެފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށް އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހަބަރު އިއުލާނުކޮށްފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ ޕްރާގް ކައިރީގައި އޮންނަ މުކަރޮވް ޓައުނުގެ އޮފިޝަލުންނެވެ. އާއިލާއިން އޭނާ މަރުވިކަން ލޯކަލް ނިއުސް އޭޖެންސީއަކަށް ކަށަވަރުކޮށްދިން ނަމަވެސް، މަރުވާން މެދުވެރިވި ވަކި ސަބަބެއް އަދި އެހެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ޕިސްޓެކް ވަނީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައެވެ. އޭނާގެ ފިލްމީ މަސައްކަތްތައް ފެށިގެން އައީ 1950ގެ އަހަރުތަކުގެ ފަހުކޮޅު ޑައިރެކްޓަރު ފްރެންޓިސެކް ވްލަސިލްއާ އެކުގައެވެ. އޭނާ ޑިޒައިންކޮށްފައިވާ ހެދުންތައް "މާކެޓާ ލަޒަރޯވާ" އަދި "ދަ ވެލީ އޮފް ދަ ބީސް" ފަދަ ފިލްމުތަކުން ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ސްޓޭޖް ޑިޒައިން ކުރުމުގައިވެސް އޭނާ ހަރަކާތްތެރިވެފައިވެއެވެ.
އޭނާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްހޫރުކަމެއް ލިބުނީ މަޝްހޫރު ޑައިރެކްޓަރު މިލޮސް ފޯމަންގެ ފިލްމުތަކުންނެވެ. މި ދެ މީހުންގެ ގާތް އެކުވެރިކަން ފެށުނީ އަސްކަރީ ހިދުމަތުގައި އުޅުނު ދުވަސްވަރުއެވެ. ސޯވިއެޓް ޔޫނިއަންގެ ހަމަލާތަކަށްފަހު ފޯމަން އެމެރިކާއަށް ބަދަލުވި ނަމަވެސް، ޕިސްޓެކް ހުރީ އަމިއްލަ ގައުމުގައެވެ. އެހެންނަމަވެސް ދެ މީހުންގެ މެދުގައި އޮތް ގުޅުން ކެނޑިގެން ނުދާކަމަށާއި، އޭގެ ފަހުންވެސް އެކުގައި ފިލްމީ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަކަން ފާހަގަކޮށްލެވެއެވެ.