ގޮއިދޫގެ ދަނޑުވެރިންގެ ފަރާތުން މި ހޯދި ކާމިޔާބީއަކީ އެ ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފެށުމެއް ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު މިކަން ފާހަގަކުރެއްވީ ދަނޑުވެރިން، "އެމްގެޕް" އަށް އަހުލުވެރިކުރުވުމަށް ބޭއްވި ހާއްސަ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުންނެވެ.
މިއީ ތަމްރީނު ޕްރޮގްރާމަކަށްވުރެ ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެހެން ރަށްރަށުގެ ދަނޑުވެރިންނަށް ވެސް ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ މިފަދަ ކާމިޔާބީތައް ހާސިލުކުރެވޭނެ ކަމަށެވެ.
ގޮއިދޫގެ ނަމޫނާ ދަނޑެއް
މި ސެޓްފިކެޓް ހާސިލުވުމުން ދަނޑުވެރިންނަށް ލިބޭ އާމްދަނީން ފުދުންތެރި ދިރިއުޅުމެއް ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. ހަމައެއާއެކު ބާޒާރުން ލިބެން ހުންނަ ކާނާއަކީ ސިއްހީ ގޮތުން ރައްކާތެރި ތަކެތިކަން ޔަގީންވެ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ދަނޑުވެރިކަން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ވިދާޅުވިއެވެ. މި މަސައްކަތަކީ މޫސުމީ ބަދަލުތަކުން ރަށްރަށަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް އެޅޭ ބާރެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.