މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓްގެ ދަށުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުންނެވެ.
މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން ކަމަށް އެ އިދާރާއިން ބުނެ އެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފަ ކަމަށް އެ އިދާރާއިން ފާހަގަ ކުރެ އެވެ.
މި މަޝްރޫއަކީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް ދެކޭ ކަމަށް އެ އިދާރާއިން ބުނެ އެވެ.
މި ފުރުސަތުގެ ބޭނުން ހިފައި، ހަރަދުކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
އަދި މިކަމުގެ ސަބަބުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިގްތިސާދީ ކުރިއެރުންތައް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މަސްވެރިކަމަކީ ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަގްވާމީ ބާޒާރުގައި ދިވެހި ކަޅުބިލަމަހުގެ ވާދަވެރިކަން އިތުރުކުރުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ބޭނުމެކެވެ.މި ޒަމާނީ މަސްވެރި އުޅަނދަކީ، ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމައާއި ތަރައްގީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއްކަން ފާހަގަކޮށްލަމެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށްޓަކައި، މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއެކު މިހާރުވަނީ ގެޒެޓްގައި އިއުލާންކުރެވިފައެވެ.
މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 18 ޑިސެމްބަރު 2025 ވަނަ ދުވަހުގެ 14:00 (ދެ ގަޑި ސުންމިނެޓް) އެވެ.
މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ.