އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު، އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ފަހުން ބޭއްވުމަށް ފާސްކުރީ ގައުމީ މަޖިލީހުގެ ތެރެއިން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް މިރޭ ހުށައެޅުއްވުމުން ނެވެ.
އޭނާ ހުށަހެޅުއްވީ 4 އެޕްރީލް 2026، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ރަސްމީ ހަތް ދުވަސް ފަހުން ޗެއާޕާސަނުގެ އިންތިހާބު އޮންނާނެ ތާރީހެއް އިއުލާނުކުރުމަށެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގައި ބައިވެރިވި 58 މެންބަރެއްގެ ވޯޓާ އެކު އެވެ.
ޗެއާޕާސަނަކު ހޮވުން ފަސްކުރަން ނިންމި ސަބަބެއްގެ ގޮތުގައި ސަލީމް އަދި މިރޭގެ ބައްދަލުވުމުގައި ވާހަކަދެއްކި ގިނަ މެންބަރުން ފާހަގަކުރެއްވީ ޕާޓީގެ ފޯކަސް ގެއްލުވާނުލާ، އެކުގައި ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމެވެ.
މިރޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވަނީ މައި އިދިކޮޅު ޕާޓީ، އެމްޑީޕީ އަށް ވަގުތީ ޗެއާޕާސަނަކު ވެސް ހޮވާފަ އެވެ. އެގޮތުން ވަގުތީ ޗެއާޕާސަންއަކަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) އައްޔަނުކުރަން މިރޭ ވަނީ ގައުމީ މަޖިލީހުން ނިންމައިފަ އެވެ.
މެންބަރު ގަފޫރު ވަގުތީ ޗެއާޕާސަން ކަމަށް އައްޔަންކޮށްފައި ވަނީ މިރޭ އެކަމަށް ޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ނެގި ވޯޓްގަ އެވެ. އެ ވޯޓްގައި ގަފޫރު އެ މަގާމަށް އައްޔަން ކުރަން 65 މެންބަރުން ތާއިދުކޮށްފައިވެ އެވެ.