މި ވަގުތީ އަމުރު ކުރިން ނެރެފައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންނެވެ.
އެޗްޑީސީގެ ޗީފް ރިއަލް އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުރި މުވައްޒަފު ވަޒީފާއިން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފަށް، އެއްވެސް އަގަކާ ނުލައި ވޯޓާ ތީމް ޕާކުގެ ސަރަހައްދުގައި ހުރި ތަކެތި ބަޔަކަށް ދޫކޮށްލުމުން ކަމަށް އެޗްޑީސީން ބުންޏެވެ.
އޭނާ ވަޒީފާއިން ވަކިކުރުމުން އެކަމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ޓްރައިބިއުނަލްގައި ކުރިއަށްދާތީ، އެ މައްސަލަ ނިމެންދެން އެ މަގާމަށް އިތުރު މީހަކު ނުނެގުމަށް ޓްރައިބިއުނަލުން އޮތީ އަންގައިފަ އެވެ. އެ ނިންމުން އެޗްޑީސީން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން ނިންމީ އެ އަމުރު ދެމިއޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ހައި ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބުނެފައި ވަނީ، ޓްރައިބިއުނަލުން އަމުރު ނެރުނުއިރު ވެސް އެޗްޑީސީގެ އޮނިގަނޑަށް ގެނައި ބަދަލަކާ ގުޅިގެން އޭނާ ހުރި މަގާމު އޮތީ އުވާލާފައި ކަމަށެވެ.
އެހެންކަމުން ވުޖޫދުގައި ނެތް މަގާމެއް ރައްކާތެރި ކުރުމަށް އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ. މީގެ އިތުރުން މައްސަލަ ނިމޭއިރު އޭނާއަށް ވަޒީފާ ދޭން ޖެހިއްޖެ ހާލަތެއްގައި އެ ފެންވަރުގެ އެހެން ވަޒީފާއެއް ދެވޭނެ ފުރުސަތު ކުންފުނީގައި އޮތްކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.