ސާކް ޗާޓަރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މި މެސެޖުގައި ރައީސް ވިދާޅުވީ ނަތީޖާ ނެެރެވޭ، އަދި ކުރިމަގަށް ވިސްނާ ސާކެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މި ޖަމިއްޔާ އަށް އަލުން ދިރުން ގެނައުމަށްޓަކައި މެމްބަރު ގައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައިވާ ސާކް ސަމިޓް ބޭއްވުމަކީ ޖަމިއްޔާގެ މަސައްކަތްތައް ހަލުވިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައި، މިއީ ސަރަހައްދުގެ ރައްޔިތުންގެ ތަނަވަސްކަމާއި ގާބިލުކަން އިތުރުކުރުމަށްޓަކައި މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މެސެޖުގައި ވަނީ ދުނިޔެއަށާއި މި ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމީ ބަދަލުތަކަށް ހޭނުމާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމާއި، އާންމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ހިމެނެއެވެ. މީގެއިތުރުން އިގްތިސާދީ ގޮތުން ސަރަހައްދު ކުރިއެރުވުމަށްޓަކައި ސާކްގެ އިދާރީ ހިންގުން ހަރުދަނާކޮށް، މުއައްސަސާތައް ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ދެކުނު އޭޝިޔާ ސަރަހައްދަކީ ސުލްހަވެރި އަދި ހަމަޖެހުން އޮތް ތަނަކަށް ހެދުމަށް ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށެވެ. ސާކް ޗާޓަރު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހެވެ.