ސައުދީގެ މޫސުމާ ބެހޭ ގައުމީ މަރުކަޒުން ވަނީ މުސްލިމުންގެ މުގައްދަސް ބިންތައް ކަމުގައިވާ މައްކާ އާއި މަދީނާގެ އިތުރުން ބޮޑެތި އެހެން ސިޓީތައް ހިމެނޭހެން ބައެއް ސަރަހައްދުތަކަށް "ރެޑް އެލާޓް" ނެރެ، އާންމުން މިކަމަށް ސަމާލުވުމަށް އެދިފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ވާދީތަކާއި ފެންބޮޑުވާ ސަރަހައްދުތަކަށް ނުދިއުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ސައުދީގެ ސިވިލް ޑިފެންސުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މި ދުވަސްވަރު އެ ގައުމުގައި ތިބި އުމްރާވެރިންނާއި ދިވެހިން ވެސް މޫސުމަށް ސަމާލުވެ، ރަސްމީ އިދާރާތަކުން ދޭ ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވަނީ އަންގާފައެވެ. ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ ދަތުރުފަތުރަށް ބުރޫއެރުން އެކަށީގެންވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.