ads
ތަރުކާރީގައި ވިހަ ހުރިކަން ދައްކުވައިދޭ ފޮޓޯއެއް
ތަރުކާރީގެ ނަމުގައި "ވިހަ" : ކެމިކަލްގެ ނުރައްކާ ބޮޑުވެއްޖެ!
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށްރަށުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށް ސިއްހީ މާހިރުންނާއި ޑޮކްޓަރުން އިންޒާރު ދުނުން ވެގެން ދިޔައީ ގިނަބައެއްގެ ކަންބޮޑުވުމަކަށެވެ.
Advertisement

ހާއްސަކޮށް ބ. ގޮއިދޫ އަދި އއ. ތޮއްޑޫ ފަދަ ދަނޑުވެރިކަމަށް މަޝްހޫރު ރަށްރަށުގައި މި ބަލި ފެތުރެމުންދާ ނިސްބަތް އިތުރުވެފައިވާއިރު، މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ގަސްގަހާގެހި ހެއްދުމަށް ބޭނުންކުރާ ނުރައްކާތެރި ކެމިކަލް ނުވަތަ ޕެސްޓިސައިޑްސް އެވެ. ޑޮކްޓަރުން ސިފަކުރާ ގޮތުގައި މިއީ ދިވެހިންނަށް އެނގުމަކާ ނުލައި ދެވޭ "ސްލޯ ޕޮއިޒަން" ނުވަތަ މަޑުމަޑުން ހަށިގަނޑަށް ފެތުރޭ ވިހައެކެވެ.

މި މައްސަލައިގެ އަސްލަކަށް ބަލާއިރު، ދަނޑުވެރިކަން ކުރާ ފަރާތްތަކުން ތަރުކާރީއާއި މޭވާ އަވަހަށް ބޮޑުކުރުމަށާއި ފަނިފަކުސައިން ރައްކާތެރިކުރުމަށްޓަކައި މިންގަނޑެއް ނެތި ކެމިކަލް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. ބައެއް ފަހަރު ކެމިކަލް ޖެހުމަށްފަހު އެ ތަކެތި ބޭނުންކުރުމަށް ރައްކާތެރި މުއްދަތު (ހާވެސްޓް އިންޓަވަލް) ހަމަނުވަނީސް ބާޒާރަށް ނެރެ ވިއްކަމުންދާ ކަމީ ހިތާމަހުރި ކަމެކެވެ. މިކަމުގެ ސަބަބުން ކެމިކަލްގެ އަސަރު ހަށިގަނޑަށް ފޯރައި، ދިގު މުއްދަތަކަށްފަހު ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެގެންދެއެވެ.

މިހެންކަމުން މިއަދު ކައިބޮއި އުޅޭ "ތާޒާ" ތަރުކާރީއަކީ ހަގީގަތުގައި ވިހަ މާއްދާތަކުން ތަޣައްޔަރުވެފައިވާ އެއްޗެހި ކަމަށް ވުމުގެ ބިރު އެބައޮތެވެ.

ދަނޑުވެރިކަމުގެ ވިޔަފާރިން ލިބޭ ނަފާ ދިވެހި މީހާގެ ޖީބަށް ވަންނައިރު، މިކަމުގެ ސަބަބުން މުޖުތަމައުގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ މެދު ވިސްނާލަނީ ކިތައް މީހުން ހެއްޔެވެ؟

ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކުރުމަށް ބިދޭސީން ހަވާލުކޮށްފައިވާއިރު، އެމީހުންގެ މައިގަނޑު އަމާޒަކީ ވީހާވެސް އަވަހަށް ގިނަ އުފެއްދުންތައް ނެރެ ފައިސާ ހޯދުމެވެ. ސިއްހީ ރައްކާތެރިކަމަށްވުރެ ބޮޑަށް އިސްކަންދެނީ ވިޔަފާރި ފައިދާއަށެވެ.

 ނަތީޖާއެއްގެ ގޮތުން ފައިސާގެ ދަހިވެތިކަމުގައި އާންމު ރައްޔިތުންގެ ފުރާނައާ ކުޅެމުންދާ ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. މިއީ ހަމައެކަނި ދަނޑުވެރިންގެ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމައު ހޭލުންތެރިވާންޖެހޭ ސީރިއަސް މައްސަލައެކެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ. ބާޒާރަށް ނެރޭ ކާބޯތަކެތީގައި ކެމިކަލް ހުރި މިންވަރު ޓެސްޓު ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

ދާދި ފަހުން އެންވަޔަރަމެންޓް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ކެންސަރަށް މަގުފަހިވާ ޒާތުގެ ކެމިކަލް ރާއްޖެއަށް އެތެރެކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ކެމިކަލް ބޭނުންކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން މުހިންމެވެ.

މި ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އޯގަނިކް ފާމިން ނުވަތަ ގުދުރަތީ ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ބާރުއެޅުމެވެ. އަދި ކެމިކަލް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި ވެސް، އެކަމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަނޑުވެރިން ހޭލުންތެރިކުރުވަން ޖެހެއެވެ. އަމިއްލަ ފައިދާއަށްވުރެ ރައްޔިތުންގެ ސިއްހަތު އިސްކޮށް، ރައްކާތެރި ކާބޯތަކެތި ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ އެންމެންގެ ޒިންމާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް