ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް ދަރިފުޅު ތައާރަފްކޮށްދެމުން ޕެރިސް ބުނީ، މިއީ އޭނާ ވަރަށް ކުޑައިރުއްސުރެ ބޭނުންވަމުން އައި ނަމެއް ކަމަށެވެ.
މަންމައަކަށް ވުމުގެ މާކުރިން، އެކި ޕޮޑްކާސްޓްތަކާއި އިންޓަވިއުތަކުގައި ޕެރިސް ވަނީ މިކަން ހާމަކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި، ދުވަހަކުން އަންހެން ކުއްޖެއް ލިބިއްޖެނަމަ އެ ކުއްޖަކަށް ދޭނެ ނަމަކީ "ލަންޑަން" ކަމަށް ނިންމާފައިވާތާ ވަރަށް ޒަމާންވެއްޖެއެވެ. މިކަން ހާމަކޮށް އޭނާ ބުނެފައިވަނީ "އަހަރެން ދުވަހަކުން އަންހެން ކުއްޖެއް ބޭނުން، އަދި އެ ކުއްޖާއަށް ލަންޑަން ކިޔަން ބޭނުން" ކަމަށެވެ.
މި ނަން ހިޔާރުކުރި ސަބަބު ކިޔައިދެމުން ޕެރިސް ބުނީ، އިނގިރޭސިވިލާތުގެ ލަންޑަން އަކީ އޭނާގެ އެންމެ ފޭވަރިޓް ސިޓީ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ނަމަކީ "ޕެރިސް" ކަމަށްވެފައި، ދަރިފުޅަށް "ލަންޑަން" ކިޔުމުން އެ ދެ ނަން އެކުގައި ކިޔާލަން ވަރަށް ރީތި ކަމަށް އޭނާ ދެކެއެވެ. އެހެންކަމުން މިއީ ވަރަށް ހާއްސަ ގޮތެއްގައި ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއެވެ.
ދަރިފުޅުގެ ފޮޓޯތައް އާންމުކޮށް، ރަސްމީކޮށް ނަން އިއުލާންކުރަމުން ޕެރިސް ލިޔެފައިވަނީ، ހަނދާން ހުންނަން ފެށީއްސުރެ ލަންޑަން ކިޔާ އަންހެން ކުއްޖެއް ހޯދުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ޕެރިސް ހިލްޓަން އާއި އޭނާގެ ފިރިމީހާ ކާޓާ ރީމް އަށް މީގެ ކުރިން ވަނީ ފިރިހެން ކުއްޖެއް ވެސް ލިބިފައެވެ. އެ ކުއްޖާއަށް ދީފައިވާ ނަމަކީ ފީނިކްސް އެވެ. އެހެންކަމުން މިހާރު ޕެރިސްގެ އާއިލާގައި ތިބީ ސިޓީތަކަށް ނިސްބަތްވާ ނަންތައް ކިޔާފައިވާ ދެ ކުދިންނެވެ.