ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިއްޔެ ހެނދުނުން ފެށިގެން އަންނަނީ އިހްތިޖާޖުކުރަމުންނެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކުރީގެ ގޯލް ކީޕަރު އިމްރާންއަކީ އެ ޔޫނިއަންގެ ނައިބު ރައީސް އެވެ. މެމްބަރު، މައުރޫފް ޒާކިރުއަކީ އެ ޖަމިއްޔާގެ ސެކްރެޓްރީ ޖެނެރަލްއެވެ.
މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަޅާފައިވާ ބައެއް މަސްދޯނި ފަހަރަށް ފުލުހުން އަރައި މީހުން ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް މީހާރު ވަނީ އާއްމުވެފައެވެ. އެހެންނަމަވެސް ފުލުހުން އެ ދޯނިތަކަށް އަރާ ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނުބުނެއެވެ.
ފުލުހުން ބުނީ އެމީޙުން ދޯނިތަކަށް އަރާފައިވަނީ އެ ދޯނިތަކުގައި އޫޅޭ ބިދޭސިންގެ މައުލޫމާތު އެއްކުރުމަށްކަމަށެވެ. އެހެންނަމަވެސް ބައެއް ދޯނިތަކުން ބިދޭސީން ހައްޔަރުކުރަމުން އަންނަ ތަން ފެންނަ މަންޒަރުވެސް ވަނީ އާއްމުވެފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ފުލުހުން ދޯނި ފަހަރަށް އަރައި، ސުލްހަވެރިކަމާއެކު ހައްގު ހޯދަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަޅުވެރިން ހައްޔަރުކުރަމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން މަސްވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ޔޫނިއަނުން ވަނީ ގޮވާލާފައެވެ.
މި މުޒާހަރާގައި ގާތްގަނޑަކަށް 60 މަސް އޮޑި ބައިވެރިވާއިރު، މަސްވެރިން ސަރުކާރަށް ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ ސަރުކާރުން ވައުދުވީ ގޮތަށް ކަންނެލި ގަންނަން ފެށުމާއި، ކަންނެލީގެ އަގު 80 ރުފިޔާ އާއި 100 ރުފިޔާއާ ދެމެދު ހިފެހެއްޓުމުގެ އިތުރުން ހެޔޮ އަގުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު ވިދާޅުވީ މި އިހުތިޖާޖަކީ މަސްވެރިންނަށް ލިބެންޖެހޭ ހަމަ އަގު ހޯދުމަށް ސަރުކާރުން ވީ ވައުދު ފުއްދައިދިނުމަށް އެދި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.