ads
މައުރޫފް ހައްޔަރުކޮށްގެން ގެންދަނީ: ފޮޓޯ/ ރާއްޖެ ޓީވީ
އިހްތިޖާޖަށް ހުރަސް އެޅުން ގާނޫނީ ކުށެއް، މައުރޫފް މިނިވަންކުރޭ: ފައްޔާޒު
ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ ބޮޑު ކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ކުރީގެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައްވައިފިއެވެ.
Advertisement
އިއްޔެ ހެނދުނުން ފެށިގެން ކަންނެލި މަސްވެރިން އިހްތިޖާޖުކުރަމުން އަންނަނީ ދޯނިތައް މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަަޅައިގެން އޭގައި ތިބެގެންނެވެ. 
ފުލުހުން ވަނީ މިއަދު ހެނދުނު މި ދޯނިތަކަށް އަރާ ބައެއް މީހުން ހައްޔަރުކުރަން ފަށާފައެވެ. މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) ނައިބު ރައީސް ކުރީގެ ގޯލް ކީޕަރު އިމްރާނާއި އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނަރަލް މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު، މައުރޫފް ޒާކިރު ހިމެނެއެވެ. 

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ  ބޮޑު ކަންނެލި މަސްވެރިން ކުރަމުންދިޔަ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި އިހްތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއްކަމަށާއި އެކަމަށް ހުރަސް އެޅުމަކީ ގާނޫނީ ކުށެއްކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
" ސަރުކާރުން މެނިފެސްޓޯގައި ލިޔުނު ވައުދު ނުފުއްދަންޏާ އެ ވައުދުތައް ފުއްދުމަށް ގޮވާލައި އިހުތިޖާޖު ކުރުމަކީ ގާނޫނުއަސާސީން ކޮންމެ މަސްވެރިޔަކަށްމެ ލިބިދީފައިވާ ހައްގެއް. އެ ހައްގުގެ ބޭނުންކުރަމުންދާ ފަރާތްތައް އަނިޔާވެރިކޮށް ހައްޔަރުކޮށް އިހުތިޖާޖަށް ހުރަސް އަޅައިގެން ނުވާނެ. އެ ކުރެވެނީ ގާނޫނީ ކުށެއް." ފައްޔާޒު އެކްސްގައި ކުރެއްވީ ޕޯސްޓުގައިވެއެވެ.

ފުލުހުން ބުނީ އެމީހުން ދޯނިތަކަށް އަރާފައިވަނީ އެ ދޯނިތަކުގައި އޫޅޭ ބިދޭސިންގެ މައުލޫމާތު އެއްކުރުމަށްކަމަށެވެ. އެހެންނަމަވެސް ބައެއް ދޯނިތަކުން ބިދޭސީން ހައްޔަރުކުރަމުން އަންނަ ތަން ފެންނަ މަންޒަރުވެސް ވަނީ އާއްމުވެފައެވެ. އަދި ދެ ދޯންޏެއް ހިފަހައްޓައިގެން ގެންގޮސް މިހާރު ވަނީ ދޫނިދޫ ފަޅަށް ވައްދާފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ފުލުހުން ދޯނި ފަހަރަށް އަރައި، ސުލްހަވެރިކަމާއެކު ހައްގު ހޯދަން މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފަޅުވެރިން ހައްޔަރުކުރަމުން ދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބާރުގެ ބޭނުން ކުރުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން މަސްވެރިންނާއެކު ވާހަކަ ދައްކައިގެން ހައްލު ހޯދުމަށް ޔޫނިއަނުން ވަނީ ގޮވާލާފައެވެ.  






0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް