ads
އައިޝްވާރިއާ އާއި އަބިޝެކް ދަރިފުޅާއެކު
ކޯޓަށް ދިޔަ ސަބަބު އަބީޝެކް ހާމަކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި އަބީޝެކް ބައްޗަން އާއި އޭނާގެ އަންހެނުން އައިޝްވަރިޔާ ރާއީ ބައްޗަން ދާދި ފަހުން ކޯޓަށް ހުށަހެޅި މައްސަލައާ ގުޅޭގޮތުން އަބީޝެކް ވާހަކަ ދައްކައިފިއެވެ.
Advertisement

އަބީޝެކް ހާމަކުރި ގޮތުގައި މި މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އެ ދެމަފިރިންގެ ދަރިފުޅު، އާރާދިޔާ ބައްޗަންގެ ޕްރައިވެސީ ހިމާޔަތްކުރުމެވެ. މިއީ އެ އާއިލާގެ "ޕާސަނަލިޓީ ރައިޓްސް" ނުވަތަ ޝަހުސީ ހައްގުތައް ރައްކާތެރިކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

މި މައްސަލަ ފެންމަތިވީ ޔޫޓިއުބް ޗެނަލްތަކަކުން އާރާދިޔާ އާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއް ފެތުރުމާ ގުޅިގެންނެވެ. ބައެއް ޗެނަލްތަކުން ވަނީ އާރާދިޔާ ބޮޑު ބައްޔެއް ވެފައިވާ ކަމަށް ބުނެ، އޭނާގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ދޭހަވާ ގޮތަށް ވީޑިއޯތައް އާންމުކޮށްފައެވެ. މިކަމާ ގުޅިގެން ދިއްލީ ހައި ކޯޓުން ވަނީ އެފަދަ ވީޑިއޯތައް ފެތުރުން މަނާކޮށް، އެ ވާހަކަތައް ދެއްކި ފަރާތްތަކާ ދެކޮޅަށް އަމުރެއް ނެރެފައެވެ. ކޯޓުން ވަނީ ކުޑަކުދިންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ކަނޑައަޅާފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަބީޝެކް ބުނީ، އޭނާއަކީ އާންމުންގެ ތެރޭގައި މަޝްހޫރު މީހަކަށް ވާތީ، އޭނާއަށް "އަމާޒުވާ ފާޑުކިޔުންތައް ބަލައިގަންނަ،" ކަމަށެވެ. ނަމަވެސް އޭނާގެ "ދަރިފުޅަކީ ކުޑަ ކުއްޖެއް ކަމަށާއި، އެ ކުއްޖާ މިފަދަ ކަންކަމުގެ ތެރެއަށް ވައްދައިގެން ނުވާނެ ކަމަށް،" އޭނާ ބުންޏެވެ. އަދި ދަރިފުޅުގެ ބަލި ހާލަތާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ހުއްޓުވަން ޖެހުނީ އެހެންވެ ކަމަށް އަބީޝެކް ފާހަގަކުރިއެވެ.

ބައްޗަން އާއިލާއިން ވަނީ މީގެ ކުރިންވެސް އެ އާއިލާގެ މެމްބަރުންގެ ނަމާއި، އަޑު އަދި ފޮޓޯ ހުއްދަ ނެތި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތައް އަޅާފައެވެ. އަބީޝެކްގެ ބައްޕަ، އަމީތާބް ބައްޗަން ވެސް ވަނީ "ޕާސަނަލިޓީ ރައިޓްސް" ގެ ދަށުން ކޯޓު އަމުރެއް ހޯދާފައެވެ. މި ފަހަރުގެ ނިންމުމަކީ ސޯޝަލް މީޑިއާގައި މަޝްހޫރު މީހުންގެ ދަރިންނާ ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތު ހުއްޓުވުމަށް އެޅުނު މުހިންމު ބާރަކަށް ވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް