ކުރީގެ ބޮޑުވަޒީރު ޝެއިހު ހަސީނާގެ ވެރިކަން ވައްޓާލުމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި ބޮޑެތި މުޒާހަރާތަކަށް ފަހު ގައުމުގެ "ޗީފް އެޑްވައިޒަރު" ގެ މަގާމަށް އައްޔަންކުރި ޔޫނުސް އަށް ވަނީ އިންތިހާބުގެ ތާރީހެއް ކަނޑައެޅުމަށް ޕްރެޝަރު ބޮޑުވެފަ އެވެ.
އުމުރުން 84 އަހަރުގެ ޔޫނުސްއަށް، މުޅި ގައުމުގެ ނިޒާމު އަލުން ކޮޅަށް ޖެހުމުގެ ޒިންމާ ހަވާލުވެފައި ވާއިރު އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ މިއީ ގޮންޖެހުމެއް ބޮޑު ބުރަ މަސައްކަތެއް ކަމަށެވެ.
އެގޮތުން އިންތިހާބު ބާއްވާ ތާރީހެއް ކަނޑައަޅާނީ އިސްލާހީ މަސައްކަތްތައް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށްފަހު އެއްބަސްވެވޭ ތާރީހެއްގައި ކަމަށް ޔޫނުސް މީގެ ކުރިން ވަނީ ވިދާޅުވެފައި އެވެ.
އެ ގައުމުގެ އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އެ ތާރީހުގައި އިންތިހާބު ބޭއްވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ.
އެ އިންތިހާބުގައި އެންމެ ތާއީދު ބޮޑުވާނެކަމަށް ބެލެވެނީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ އިތުރުން ޖަމާއަތީ އިސްލާމީ ޕާޓީއަށް ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.
މި އިންތިހާބުގައި ހަސީނާގެ އަވާމީ ލީގު ޕާޓީއަށް ވާދަކުރުން ވަނީ މަނާކޮށްފަ އެވެ. އެއާއެކު، އެ ނިންމުން އަނބުރާ ނުގެންގޮސްފިނަމަ، މުޒާހަރާއަށް ނުކުންނާނެކަމުގެ އިންޒާރު އެ ޕާޓީން ވަނީ ދީފަ އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން އިންތިހާބެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހެވެ. ހަސީނާ ކާމިޔާބު ކުރެއްވި އެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއްް ނޫން ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކުރި އެވެ. ގިނަ ބަޔަކު ހައްޔަރު ވެސް ކުރި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ގަނޑުވަރަށްވަދެ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް، އުމުރުން 77 އަހަރުގެ ހަސީނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.
ބަންގްލާދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި ހަސީނާއާއި ދެކޮޅު ޕޯސްޓަރެއް ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
އިންސާނިއްޔަތާ ހިލާފް އަމަލު ހިންގުމުގެ ކުށުގައި ދަންޖައްސައި މަރަން ހުކުމްކޮށްފައިވާ، ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާއެއް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމެއް ވެސް މިފަހުން ވަނީ އިއްވައިފަ އެވެ. އަދި ހަސީނާގެ ޣައިރު ހާޒިރުގައި މި މަހުގެ 17 ވަނަ ދުވަހު ވަނީ ދަންޖައްސައި މަރަން ވެސް ހުކުމްކޮށްފަ އެވެ.
ހަސީނާގެ 15 އަހަރު ވީ ވެރިކަމުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ސީރިއަސް އަމަލުތައް ހިންގާފައިވާއިރު، އޭގެ ތެރޭގައި ސިޔާސީ ވާދަވެރިން ބަންދުކުރުމާއި، ޝަރުއީ ހުކުމަކާނުލައި މީހުން މެރުން ހިމެނެ އެވެ.