ads
މެމްބަރު ހަސަން ލަތީފް---
ކައުންސިލްތަކުގެ ދައުރު ދަންމާލުމުގެ ބިލު ޤާނޫނުއަސާސީއާ ހިލާފެއް ނޫން: ހަސަން ލަތީފް
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ ބިލަކީ ޤާނޫނުއަސާސީއާ ހިލާފު ބިލެއް ނޫންކަމަށް ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފައެވެ. އަދި އެ ފަސްކުރާ މުއްދަތުގައި ޤާނޫނީ ހުސްކަމަކަށް ނުގޮސް ކައުންސިލްތަކުގެ ދައުރުދަންމާލުމަށް ސަރުކާރު ފަރާތުން ޤާނޫނުއަސާސީއަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެހެން ނަމަވެސް މިއީ ޤާނޫނުއަސާސީ އިސްލާހުކުުރުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށް މަޖިލީހުގެ ރައީސް އަދ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މެމްބަރުން ވަނީ ބުނެފައެވެ. އަދި އެކަމުގެ ސަބަބުން މެމްބަރު ހަސަން ލަތީފް ވަނީ ދައުރު ދަންމާލުމަށް ވަކި ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. 

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ މި ޤާނޫނު ވުޖޫދުކުރާއިރު ޤާނޫނުއަސާސީގެ ރޫހާއި އެއްގޮތަށް އެކަންކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށެވެ. އެގޮތުން މި ބިލުގައި ދެ އަސާސެއް ހިފެހެއްޓުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް ހަސަން ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުން އެއީ އަސާސެއް ކަމަށް ބަލާފައިވާނޭކަމަށެވެ. އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކު އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލު ނުވަތަ އައްޔަނު ކުރާ ބަޔަކު ކައުންސިލްތައް ނުހިންގުން ވެސް އެއީ މުހިންމު އަސާސެއްކަމަށް ބަލާފައިވާކަމަށް ވިދާޅުވި އެވެ. 

މި ބިލު ޤާނޫނުއަސާސީއާ ހިލާފުކަމަށް ބައެއް ފަރާތްތަކުން ބުނާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ އެކަމާ އެއްބަސް ނުވެވޭކަމަށެވެ. އެގޮތުން ޤާނޫނުއަސާސީ ތަސައްވަރުކޮށްފައި އޮތީ ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން ލޯކަލް ކައުންސިލްގެ އިންތިހާބު ބޭއްވުމުގެ ތަސައްވަރެއްކަމަށެވެ. އަދި އެ އިންތިހާބު ނުބޭއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަމަލުކުރާނޭ ގޮތުގެ ތަސައްވަރެއް ޤާނޫނުއަސާސީގައި ނެތްކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އެހެން ކަމުން ހުށަހަޅާފައިވާ ބިލުގައި ވާކަންކަމަކީ ޤާނޫނުއަސާސީގައި އެކަންކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިވާކަންކަން ނޫންކަމަށެވެ. 

އަދި މިޙާރު މިއޮތީ ޤަނޫނުއަސާސީ ބުނާ ކުއްލި ނުރައްކަލުގެ ހާލަތު ނޫންކަމަށާއި، މިހާރު އޮތީ އެހެން ޤަނޫނަކުން އިއުލާނު ކޮށްފައިވާ ކުއްލި ހާލަތެއްކަން ފާހަގަކޮށް ހަސަން ވިދާޅުވީ މި ބިލު ޤާނޫނުއަސާސީ އާއި ހިލާފު ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް