ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިނގަމުން އަންނަ އޮޕަރޭޝަންގައި މިދިޔަ ދެތިން ދުވަހުވެސް ވަނީ 8 މަސާޖު ޕާލާއެއް ފާސްކޮށް 8 ބިދޭސީން ހައްޔަރުކޮށްފައެވެ. އަދި އެ ތަންތަނުގައި ވަނީ ތަޅު އަޅުވާފައެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވެސް މާލޭގައި ހިންގަމުންދިޔަ އިތުރު ހަތަރު މަސާޖު ޕާލަރަކަށް ވަދެ ބަލައި ފާސްކޮށްފައިވާކަމަށެވެ.
ރޭ އިމިގްރޭޝަނުން މަސާޖު ޕާލާއަކަށް ވަދެ އެތަނުގައި ބޭނުންކުރަމުން ދިޔަ ބޭސްތަކެއް ބަލާ ޗެކްކުރަނީ
އެތަންތަނަށް ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އޮޕަރޭޝަނާއި ގުޅިގެން އިމިގްރޭޝަނުން އާއްމު ކުރަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މަސާޖު ޕާލާތަކުން އެ އިދާރާގެ ބެލުމުގެ ދަށަށް މުޅިންހެންވެސް ގެންގޮސްފައިވަނީ އަންހެނުންނެވެ.
ދިވެހިންގެ ނިވަލުގައި ތިބެ ގާނޫނާއި ހިލާފަށް ވަގަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓްކުރަން އެދި ހޯމް މިނިސްޓްރީން ވަނީ ނަމްބަރެއް އާއްމުކޮށްފައެވެ.