އެމެރިކާއަށް ނިސްބަތްވާ ބްރީ މަރުވީ ނިއުރޯބްލާސްޓޯމާ ކެންސަރުގެ ސްޓޭޖް 4 ގައި، އެ ބައްޔާ ހަނގުރާމަ ކުރަމުންދާތާ ފަސް އަހަރު ފަހުންނެވެ. އޭނާ މަރުވިކަން އާއިލާއިން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ބްރީގެ ހަށިގަނޑުން ކެންސަރުގެ އަސަރު ފުރަތަމަ ފެނުނީ 2020 ވަނަ އަހަރުއެވެ. އޭރު އޭނާގެ ބަލި ހުރީ ސްޓޭޖް 4 ގައެވެ. ދެ އަހަރު ދުވަހު ފަރުވާ ކުރުމަށްފަހު ބަލި ފަސޭހަވި ނަމަވެސް، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އަނެއްކާވެސް ކެންސަރު ވަނީ އެނބުރި އައިސްފައެވެ. މި ފަހަރު ކެންސަރުގެ އަސަރު ހަށިގަނޑުގެ އެކި ތަންތަނަށް ފެތުރިފައިވާއިރު، އޭނާ ދައްކަމުން ދިޔަ ހިތްވަރަކީ ގިނަ ބަޔަކު އާޝޯހު ކުރުވި ކަމެކެވެ.
ބްރީގެ ކެންސަރުގެ ދަތުރު އޭނާގެ އާއިލާއިން ވަނީ "ބްރީ ސްޓްރޯންގާ ދޭން ކެންސާ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އިންސްޓަގްރާމްގައި އެކަނިވެސް ހަ ލައްކައަށް ވުރެ ގިނަ މީހުން އޭނާއަށް ފޮލޯކުރެއެވެ. ބްރީގެ ވާހަކަ މަޝްހޫރުވެ، އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭ ވެސް ވަނީ ބްރީއަށް ހާއްސަ ހަދިޔާތަކެއް ފޮނުވައި، އޭނާގެ ހިތްވަރަށް ތައުރީފުކޮށްފައެވެ.
ބްރީގެ ހާލު ދެރަވާން ފެށުމުން، ޑޮކްޓަރުން ދިން ލަފާގެ މަތިން އާއިލާއިން ވަނީ މިދިޔަ އޮކްޓޯބަރު މަހު އަވަސްކޮށް ކްރިސްމަސް ފާހަގަކޮށްފައެވެ. ބްރީ މަރުވުމާ ގުޅިގެން އޭނާގެ މަންމަ ކެންޑްރާ ބާޑް ސޯޝަލް މީޑިއާގައި ލިޔުނު މެސެޖެއްގައި ބުނެފައިވަނީ، ބްރީއަކީ މުއުޖިޒާތެއް ކަމަށާއި އޭނާ ދުނިޔެއަށް ފޮނުވި މަގްސަދު ފުރިހަމަވެއްޖެ ކަމަށެވެ. ބްރީ ވަކިވެ ދިޔަ ނަމަވެސް އޭނާގެ ހަނދާންތައް އެތައް ބައެއްގެ ހިތްތަކުގައި ދެމިހުންނާނެ ކަމަށް އާއިލާއިން ބުންޏެވެ.