މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ރޫޅާލައި ބައެއް މީހުން ބަންދުކުރި އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭގެ ތެރެއިން ތިން މީހަކު ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
އޭގެ ތެރޭގައި އިހްތިޖާޖުގައި އިސްކޮށް އުޅުއްވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ވެސް ހިމެނެ އެވެ. ނަމަވެސް މައުރޫފް އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މައުރޫފް ދޫކޮށްލި ނަމަވެސް، އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގަ އެވެ. އިއްޔެ އެމަޖެންސީގައި މަޢުރޫފް ހޮސްޕިޓަލަށް ގެންގޮސް، އޮޕަރޭޝަނެއްވެސް ކޮށްފައި ވެއެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބައި ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.