ސިވިލް ކޯޓުގައި ދައުވާކޮށްފައިވާ މި މައްސަލާގައި ކައިޒީންގެ ފަރާތުން ބުނެފައިވަނީ، ”މިހިރީ ނަންބަރު 5“ ނަމަކަށް ކިޔާ ބޯޓެއް ގަންނަން 3.6 މިލިއަން ރުފިޔާ އޭނާގެ ބައްޕަ އިބްރާހިމް އަލީފުޅަށް ހަވާލުކުރި ކަމަށެވެ. އެ މައްސަލަ ސިވިލް ކޯޓުން ކާމިޔާބު ނުވުމުން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން އެންގީ މައްސަލަ ދަށު ކޯޓުން އަލުން ބަލާށެވެ. އެކަމަކު ކައިޒީން އަލުން އެ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ.
ބައްޕަ އާއި ދެކޮޅަށް އެމައްސަލަ ކައިޒީން ހުށަހަޅާފައި ވަނީ، ބޯޓުގަނެ ރަޖިސްޓްރީ ކޮށްފައިވަނީ ބައްޕަގެ ނަންމަތީގައި ނަމަވެސް، ބޯޓުގެ މިލުކުވެރި ފަރާތަކީ ކައިޒީން ކަމަށްވާތީ، ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލުކުރުމަށް ބައްޕަގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި އެވެ. ކައިޒީން ބުނިގޮތުން، ބައްޕަގެ ނަން މައްޗަށް ބޯޓު ރަޖިސްޓްރީ ކުރީ ކައިޒީންގެ ރުހުން ނެތި އެވެ.
ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީންގެ ބޯޓުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ކަނޑަނާޅައެވެ.