ads
އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
ސިނިގިރޭޓް ވައްކަން: ދިގައްޔާއި އާއްޓޭގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް
އެމްޕީއެލް ބަނދަރުގއި ހުއްޓާ ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ފޮނުވައިފިއެވެ.
Advertisement

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި ފުލުހުން އެދުނެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. ސަބަބެއްކަމަށް ބުނީ ޖިނާއީ ކުށެއްގެ ދައުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައި ނުވާތީކަމަށެވެ.

ދައުވާކޮށް ކްރިމިނަލްކޯޓަށް މައްސަލަ ފޮނުވި 10 މީހުން 

  • ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު
  • މއ. އެވަގްލޯރީ، އަހްމަދު އާރިފް
  • ހ. ނިއުހެޕިނަސް، މުއާޒު އަލީ
  • ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާއީލް
  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަހްމަދު ޝަހީމް
  • ހ. ރުމޭނިޔާ، އަހްމަދު ފިރުސާން
  • ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
  • ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން
  • ބަނގުލަދޭޝް، މުހްއްމަދު އަލަމިން މިއާ

މި މައްސަލާގައި މިކަން ހިންގުމަށް ރާވާ އެކަމަށް ފައިސާ ހޭދަކުރިކަމަށް ތުހުމަތުކޮށް މުހައްމަދު ވަހީދާއި އަހުމަދު އާރިފްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީގެ މައްޗަށް  ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެމީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި ތިން މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީ އޮފީހުން ބުނެެއެވެ.

your imageސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުން

މި މައްސަލާގައި ހިމެނޭ ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށްވެސް ވަނީ ދެ ދައުވާއެއް އުފުލާފައެވެ. މި ތިން މީހުންގެ މައްޗަށް ކުރަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާއެވެ.

ދެން މި މައްސަލާގައި ހިމެނޭ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ސ. ހިތަދޫ ޗާންދަނީގޭ ހުސައިން ސާމިހާއި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ އާއި ކ. ތުލުސްދޫ، ލިންކް ހަސަން އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމަށް ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި ދަޢުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް