އާންމުކޮށް ހުޅަނގުގެ ސްޓައިލަށް ނިވާކަން ކުޑަ ހެދުން ލުމަށް ލޯބިކުރާ މި ތަރި، ސައުދީގެ އަގުބޮޑު މޯލްތަކުގައި އާންމުންގެ ތެރޭގައި މީހުންނަށް ފާހަގަ ނުވެ އުޅުމަށްޓަކައި ބުރުގާ އަޅައިގެން އުޅޭ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާޑީ ބީ ހުރީ ކަޅު ކުލައިގެ އަބާޔާ އާއި މޫނު ބުރުގާ އަޅައިގެންނެވެ. އޭނާ ބުނެފައިވާ ގޮތުގައި މިގޮތަށް ހެދުން އެޅީ ފޭނުންނަށް އޭނާ އަކީ ކާކުކަން ނޭނގި މިނިވަންކަމާއެކު ހިނގާލާ، ވިޔަފާރި ކުރުމުގެ ބޭނުމުގައެވެ. އޭނާގެ މި އަމަލަށް ތައުރީފުކޮށް ގިނަ ބަޔަކު ވަނީ ސަމާސާ ގޮތަކަށް އޭނާއަށް "ހަލާލް ބީ" ގެ ނަމުން ނަން ދީފައެވެ. މީގެއިތުރުން ޓްރެޑްމިލްގައި ކަސްރަތު ކުރަން ހުރިއިރު ވެސް އޭނާ ހުރީ ބުރުގާ އަޅައިގެންކަން ފޭނުންނަށް ވަނީ ފާހަގަކުރެވިފައެވެ.
ކާޑީ ބީ ސައުދީއަށް ގޮސްފައިވަނީ އެ ގައުމުގައި އޮތް ބޮޑު މިއުޒިކް އިވެންޓެއްގައި ބައިވެރިވުމަށެވެ. މީގެ ކުރިން އާންމު ތަންތަނުގައި ނިވާކަން ކުޑަ ހެދުންތަކުގައި ފެންނަ ކާޑީ ބީ، ސައުދީގެ ސަގާފަތާ ގުޅޭ ގޮތަށް ހެދުން އަޅައިގެން އާންމުންގެ ތެރެއަށް ނުކުތުމުން ގިނަ ބަޔަކު ވަނީ އެކަމާ މެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. މި ދަތުރުގައި ކާޑީ ބީ ވަނީ ސައުދީގެ ރީތިކަމާއި އެތަނުގެ މެހެމާންދާރީއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.