ބީއެމްއެލް، ވޭސިންގ ޕޭ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެދުގައި ގާއިމުކުރެވުނު މި ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އިން ފާހާގަ ކުރި ގޮތުގައި ރާއްޖެ މާކެޓު ކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް މި އެއްބަސްވުމާއި އެކު ނިންމިގެންގޮސްފައިވާ ކަމުގައި އެވެ.
އަދި ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެ އެވެ.
މީގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސްފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިންގ ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން ބީއެމްއެލް އާއި ވޭސިންގ ޕޭ ގުޅިގެން ވަނީ ވޭސިންގ ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފަވާ ކަމަށް ބޭންކުން ބުނެ އެވެ.
މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިން، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ހިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ހިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ސެޝަނުގެ ބައިވެރިވި ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާކުރެވުން ކަމަށް އެ ބޭންކުން ބުނެ އެވެ.
ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓަރކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިންގ ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ.
ބީއެމްއެލްގެ މަރޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެ އެވެ.