ފާއިތުވި ހަފްތާގެ ނިޔަލަށް ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 36 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މި ރިޕޯޓް އިން ދައްކަ އެވެ.
މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 32.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 10.5 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
ޓެކްސް އާމްދަނީގެ ތެރެއިން، ފާއިތުވި ހަފްތާގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވުނީ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއިން ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. ޓީޖީއެސްޓީއިން 9.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 14.1 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ހިސާބުތަކުން ފާހަގަ ކުރެ އެވެ.
ޖުމްލަ ޓެކްސް އާމްދަނީ 26.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، 9.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް އެ ހިސާބުތަކުގައިވެ އެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ބަޖެޓުގެ އޯވަރޯލް ބެލެންސް ހުރީ 1.9 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ހުރި 10.8 ބިލިއަން ރުފިޔާގެ ޑެފިސިޓާ އަޅާބަލާއިރު، 82.5 އިންސައްތައިގެ ދަށްވުމެއް ކަމަށް އެ ހިސާބުތަކުގައި ވަނީ ބުނެފައި އެވެ.