ގާތުގައި އޮތް ލޯބިވާ ދަރިފުޅަށް އަމާރާ ބަލައިލި އެވެ. އަރާމު ނިދީގައި ކިސްވާ އޮތީ، އޭނާގެ މަގުބޫލު ކެވެލިކޮޅު އަޅައިގެންނެވެ.
ފުންނޭވާއެއްލާފައި ހެޑްބޯޑްގައި އަމާރާގެ ފުށްކިބަ ޖައްސާލި އެވެ. ފުން ވިސްނުމެއްގެ ތެރެއިން، ބަރުވެފައިވާ ކަނދުރާ ދެފަރާތަކަށް ހަރަކާތްކޮށްލި އެވެ.
ރަހުމެއް ނެތް ދުނިޔޭގެ ބޭއިންސާފާއި އަމިއްލަ އެދުމުގެ ނުރައްކަލުން އަމާރާއަށް މިންޖެއް ނުވެވުނެވެ. އޭނާއަށް ކުރިމަތިވި ވަރުގެ ނުރައްކާތެރި ހިޔަންޏެއްވެސް ކިސްވާއާއި ގާތްވެދާނެ ކަމަށްޓަކައި ބިރުގަތެވެ.
މޫނުމައްޗަށް ހުރަސްވެފައިވާ އިސްތަށިތަށް އެއްފަރާތްކޮށްލި ވަގުތު އަމާރާގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ، ކިސްވާގެ އަތުގައި އޮތް ކެވެލިކޮޅެވެ. އެއީ ރަން ކެވެލިކޮޅެކެވެ. ރީތި ގެތުމެއްގައި ކުދިކުދި ތަރިތަށް އެލުވާލާފައިވާއިރު ކޮންމެ، ތަރިއަކާއި ދިމާގައި ޖަވާހިރު ފަދަ ގަދަ ވިދުމެއްގެ ކުދި 'އެސް' ހަރުކޮށްފައި ހުއްޓެވެ. ޖަވާހިރުގެ ގަހަނާއަށް އަމާރާގެ ލޯ ފަރިތަ ނޫނަސް، އާޓިފިޝަލް ގަހަނާއާއި އޮރިޖިނަލް އުފެއްދުންތަށް ވަކިކުރާން އޭނާ ފަރިތަ އެވެ. ފަނޑު އަލީގައިވެސް އެ ޖަވާހިރުތަކުގެ ވިދުމަށް ބަލާފައި އެއީ 'އޮރިޖިނަލް'ކަން ޔަގީނެވެ.
އެފަދަ އަގުހުރި 'ހަދިޔާ'އެއް ކޮންމެ ކޮންމެ މީހަކު ދޭނެ ހެއްޔެވެ؟ އެމީހަކާއި ކިސްވާއާއި ދެމެދުގައި ތަގުދީރު ކުޅެމުންދަނީ ކޮންފަދަ ތަމްސީލެއް ހެއްޔެވެ؟
އެމީހަކަށް ކިސްވާ މުހިއްމުވީ ކީއްވެ ހެއްޔެވެ؟ 'ޕާޕާ'ގެ ނަމުން އެމީހަކަށް ކިސްވާ މުހާތަބު ކުރަން މެދުވެރިވި ސަބަބަކީ ކޮބައި ހެއްޔެވެ؟
ޖަވާބު ނުލިބޭ ސުވާލުތަކުން އަމާރާއަށް ލިބެމުންދިޔައީ ނުތަނަވަސްކަމެވެ.
މީގެ ކުރީން އަމާރާގެ ސިކުނޑި މަސައްކަތް ނުކުރާ، މިސްރާބަކަށް މިވަގުތު ދަތުރު ފަށައިފިކަން ޔަގީނެވެ. ނިއްކުރިއަށް ޖަމާވި ރޫ ތަކާއި މޫނުމަތީން ސިފަވަމުންދިޔަ އެތަށް ސުވާލެއް އަމާރާގެ ސިކުނޑި ހަލަބޮލި ކޮށްފި އެވެ.
ކެވެލިކޮޅުގައި އަމާރާ ފިރުމާލި އެވެ. ގައިން ހީބިހި ނަގައިގެން ދިޔައީ ހިތަށް އެރި އެއްޗަކުންނެވެ.
އޭނާގެ ހިތުގެ އަޑު ހަގީގަތަކަށް ވެދާނެބާ އެވެ؟
އެފަދަ ބާރުގަދަ ގުޅުމަކަށް ކިސްވާގެ ހިތް ލެނބުމުގައި ތަގްދީރުގެ ނިޔާއެއް ހަގީގަތުގައިވެސް އޮވެދާނެބާ އެވެ؟
އެމީހެއްގެ ނުވަތަ 'ސްޕާސްޓާރ ނޫނީ ފޭކް ޕާޕާ'ގެ ހިތުގައި ކިސްވާއާއި މެދު ގާތް ގުޅުމެއްގެ ބިންގާ އެޅިގެން ދިއުމުގައި ފޮރުވިފައިވާ ހަގީގަތެއް އޮވެދާނެބާ އެވެ؟
ކުއްލިޔަކަށް ކިސްވާގެ ހަޔާތަށް އެމީހަކު އައުމުގެ މަގުސަދަކީ ކޮބައިބާ އެވެ؟
އެފަދަ އިންސާނަކީ ކާކު ހެއްޔެވެ؟
ނޫނީ..
އެއީ..
ޝައްޔާން ހެއްޔެވެ؟
އަމާރާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ނިއްކުރިން ދާ ބޮކިތަށް ހިލުވާލީ އަމާރާގެ އިހްތިޔާރަކު ނޫނެވެ.
ދުވާލުގެ އަލިކަމުގައި ކިސްވާ ފެނިއްޖެނަމަ، ފާހަގަކުރާން ޝައްޔާންއަށް 'އެނގޭނެ' ހެއްޔެވެ؟
ކިސްވާގެ ލޮލަށް ބަލައިލައިފި ނަމަ، އެ ސިފައާއި އެ ބަލައިލުން ޝައްޔާންއަށް ފާހަގަކުރެވޭނެބާ އެވެ؟ އެ ދެ މީހުންގެ ގުޅުމާއި އެދެމެދުގައި ވާ 'ގުޅުން' ޝައްޔާންއަށް އިހްސާސްކުރެވޭނެބާ އެވެ؟
ކިސްވާގެ ހަގީގަތް ޝައްޔާންއަށް އެނގޭ ދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟
ޝައްޔާންގެ ނިންމުމަށް ބަދަލު ހިފުމުގެ ގޮތުން، އޭނާއަށް ކިސްވާ ފޮރުވި ބަދުނާމު އަމާރާ އުފުލަން ނުޖެހޭނެބާ އެވެ؟
ކޮންމެ ހަގީގަތެއް ދުނިޔެ ބަލަމުންދަނީ އެފަދަ ނަޒަރިއްޔާތަކުންނެވެ. ފެންނަ ކޮންމެ މަންޒަރެއް އެމީހަކަށް ފެންނަނީ އެމީހަކު ދެކެން ބޭނުން، ކުލައަކުންނެވެ. ޝައްޔާންގެ އެއްވެސް ނިންމުމެއްގައި ހާއްސަ ކަމެއް ނެތެވެ.
ތެދެކެވެ. އެއީ މޮޅު އެކްޓަރެކެވެ! ވަފާތެރިކަމާއި ބޭވަފާތެރިކަމުގައިވެސް އޭނާއަކީ މޮޅު އެކްޓަރެކެވެ.
ދުނިޔޭގެ ނާއިންސާފާއި ބޭވަފާތެރިކަމާއި މަކަރާއި އޮޅުވާލުން ނޫނީ ޝައްޔާންގެ ކިބައިން އަމާރާއަށް ނުލިބުނެވެ. ނަމަވެސް އެއީ އެދުވަހެވެ! މިއީ މިއަދެވެ!
ހަގީގަތް އޮޅުން ފިލުވުމަށް އެންމެ ގައު ކޮޅެއްވެސް ޝައްޔާން އުފުލާލާނެކަމުގެ ކުޑަވެސް އުއްމީދެއް އަމާރާއަށް ނެތެވެ. އެދުވަހު ފުރަގަސްދިން ފަދައިން، ފަސްއެނބުރި މިއަދުވެސް ޝައްޔާން ދާނީ އޭނާގެ މަންމަގެ އިރުޝާދުގެ މަގުންނެވެ. އަމާރާ ފަދަ ނިކަމެތި އާއިލާއަކާއި، ޝައްޔާންއާއި ދެމެދު ހިމަ ރޮދި ފަށެއްގެ މިންވަރު ގުޅުމެއް އޮތަސް، އެ ގުޅުން ކަނޑާލަން ޝައްޔާން ފަހަތަކަށް ނުޖެހޭނެ އެވެ.
ހިތަށް ވެރިވި ބިރުވެރިކަން، ފަނާ ކޮށްލާން ބޭނުންވި އެވެ. ސިކުނޑިއަށް ލިބިދާނެ އަމާން ކަމެއްގެ އިޝާރާތެއްވެސް ނެތެވެ.
އެނދުން ތެދުވެ، ބެލްކަނީގެ ދޮރު ހުޅުވާލި އެވެ. ފިނި ވައިރޯޅި ބީހިގެން ދިޔަ ވަގުތުގައި މޭ ދަށުގައި ދެއަތް ހުރަސްކޮށްލި އެވެ.
ކަފުންކޮށް ވަޅުލާފައިވާ މާޒީގެ އެ ކައްވަޅު އަލުން ކޮންނާކަށް އަމާރާ ބޭނުމެއް ނޫނެވެ. އެއީ ބޮޑު ތަޅު އަޅުވާފައި، ތަޅުދަނޑި ކަނޑު ފައްތާފައިވާ މާޒީ އެކެވެ.
ރިހުމާއި ވޭނާއި ތަކުލީފާއި ލަދުވެތިކަމާއި ދުނިޔޭގައި ލެއްވި ހުރިހާ ރިހުމެއް އަމާރާ ވަނީ ތަހަންމަލް ކޮށްފަ އެވެ. ޖަވާބު ދެވެން ނެތް ކިތަންމެ ސުވާލެއް އޭނާގެ އަބުރުވެރިކަމަށް، އިނގިލި ދިއްކުރި އެވެ. ކެތްތެރިކަން ނޫން އެހެން އެއްވެސް ފަރުވާއެއް އަމާރާއަށް ނެތެވެ. ކުށެށް ނެތި އިލްޒާމްތަކަށް ދަތްދޮޅި ތިރިކޮށްލާން ޖެހުމަށްވުރެން ބޮޑު ހިތްދަތިކަމެއް އިންސާނަކަށް ކުރިމަތި ވާނެ ހެއްޔެވެ؟ އެކަމަކު އެއީވެސް މާޒީ އެވެ.
ރިހުމާއި ވޭނުގެ މަތީގައި އަމާރާ، އާރާސްތުކުރީ ދިރިއުޅުމެވެ. ހަމައެކަނި އޭނާގެ ފުރާނައަށްޓަކަ އެވެ. ހިތު ވިންދު، ކިސްވާއަށްޓަކަ އެވެ. އެ ހަންދާން ތަކާއި، ކުލައެއް ނެތް އެ މަންޒަރާއި އެ ވަޔާއި އޮއެގެ ތެރޭގައި ނޭވާ ލުމަކީ އަމާރާއަށް ކުޅަދާނަކަމަކަށް ނުވި އެވެ. އުފަން ވަޒަން ދޫކޮށް މުޅިން އައު ބައެއްގެ ތެރޭގައި ދިރުއުޅުމުގެ ސަފްހާ ލިޔަން ފެށީ، ދިއްކުރި އިނގިލިތަކާއި ހަންޖަރެއް ފަދައިން އަމާޒުކުރި ހުތުރު ސުވާލުތަކުގެ ޖަވާބަށް ދައްކާނެ ހެއްކެއްގެ މިންވަރުވެސް އަމާރާގެ އަތުގައި ނެތީތީ އެވެ.
އިތުބާރާއ އިގުރާރާއި ހުވަޔާއި ވައުދަކީ އަމާރާގެ ކުރިމަތީގައި މިއަދު އަގެއް ހުރި އެއްޗެއް ނޫނެވެ. ދުނިޔެ ބަލަނީ ހެކިވެރި ނަޒަރުންނެވެ. ދައްކާނެ ހެއްކެތް ނެތް ކޮންމެ، އިންސާނަކީ ކުއްވެރިއެކެވެ. އެމީހެއްގެ ފޭރާމަކީ މަލާމާތާއި ފުރައްސާރަ އެވެ. އެހާލަތަށް އަމާރާ ވައްޓާލިކަމުގެ ތުހުމަތު ޒަޔާނާގެ ބޮލުގައި އެޅުވުމުގެ މާނައެއް ނެތެވެ.
އަމާރާގެ ހާލަތަށް ޒިންމާ ނަގަންޖެހޭ ހަމައެކަނި ފަރާތަކީ ޝައްޔާން އެވެ. އަމިއްލަ ޖަޒްބާތާއި އަމިއްލަ ނިންމުމަށް ދުނިޔެއާއި ކުރިމަތިލާން ނުކެރުނު ފިނޑިއަކީ ޝައްޔާން އެވެ. އަމާރާއަށް ހައްގު އިއްޒަތުން އޭނާ މަހުރޫމް ކުރީ، ޝައްޔާން އެވެ. ދުނިޔޭގެ ލޯ ކުރިމަތީގައި އަމާރާ ބޭޒާރުކުރީ ޝައްޔާންގެ އަމިއްލަ އެދުމާއި އޭނާގެ ގޮތް ދޫނުކުރުމުގެ މިޒާޖެވެ. މައިބަދައެއް ނެތް ފިރިހެނެއް ފަދައިން، މަންމަގެ ކުރިމަތީގައި ދަތްދޮޅި ތިރިކުރީ، މުޅި ދުނިޔޭގެ ލޯ ކުރިމަތީގަ އެވެ.
އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ވަގުތުގައި، އަމާރާގެ ދުނިޔެ ފޭރިގަތީ ޝައްޔާންގެ ފިނޑިކަމެވެ. ގައިނެކޮލޮޖިސްޓަކަށްވެ ހުރެ، އެކަނިމައި އެކަނި މާބަނޑު ދުވަސްތަށް ހޭދަކޮށް، ދަރިޔަކު ވިހައި ބޮޑުކުރުމުގެ ވޭން، ދުނިޔޭގެ އެހެން އެއްވެސް އިންސާނަށް ނޭގިދާނެ އެވެ. ނަމަވެސް އަމާރާ ވަނީ އެ ވޭނަށްވެސް ކެތް ކޮށްފަ އެވެ. އަމިއްލަ ދަރިފުޅަށްޓަކައި ދެ ލޮލުގެ ކަރުނަ، ދުނިޔެއަށް ފޮރުވި މަޔަކީ އަމާރާ އެވެ. މާބަނޑުވެ ހުރެ، ޑޮކްޓަރަށް އަންނަ ކޮންމެ މަޔަކަށް، ދަރިފުޅުގެ ބައްޕައާއެކު އައުމަށް އިރުޝާދު ދިނީ، އަމިއްލަ ހަށިގަނޑުގައި ވިންދު ޖަހަމުންދިޔަ ދަރިފުޅަށް، ބައްޕަގެ އަޑު އިއްވާލާނެ އެންމެ ފުރުސަތެއް ދެވެން ނެއް ހާލުގަ އެވެ.
މޭޒުގެ ކުރިމަތީ ގޮނޑީގައި ތިބޭ 'މަންމައާއި ބައްޕައަށް' މާބަންޑު ދުވަސްވަރުގެ އިރުޝާދުތަށް އަމާރާ ދިނީ، މެންދަމުގެ ރިހުމުގައިވެސް އޭނާގެ ހާލަތު އިހްސާސްކޮށްލާނެ ދެވަނަ އިންސާނަކު ނެތް ހާލުގަ އެވެ.
ޓީވީގެ ސްކްރީނުން، ދުނިޔޭގެ ލޯތަކަށް އުފާވެރިކަން ދެއްކުމަށްޓަކައި ޝައްޔާންގެ ކޮނޑުގައި އެލިގަނެގެން އަމިއްލަ ހައްގެއްކަން މުޅި ދުނިޔެއަށް ދައްކަމުން އެދަނީ ޒަޔާނާ އެވެ.
ހަގީގަތާއި ކުރިމަތިލާން ނުކެރުނު ފިނޑި ޝައްޔާން، ކޮންމެވެސް ދުވަހަކުން އޭނާގެ ދިފާއުގައި ބަސް ބުނާނެކަން އަމާރާއަށް ޔަގީނެވެ. އުނަގަނޑުގައި ހިފަހައްޓާލައިގެން އޭނާގެ ލޯބިވެރިޔާގެ މަގާމުގައި ޒަޔާނާ މުޅި ދުނިޔެއަށް ދައްކަމުން ޝައްޔާން ހިނިތުން އެވަނީ، އެ މަންޒަރު އަމާރާއަށް ފެންނާނެކަން ނޭގޭތީ ހެއްޔެވެ؟
ނުވަތަ އަމާރާ ކިޔާ އަންހެން ކުއްޖަކު، އޭނާގެ އަމިއްލަ އެނދުމުގެ މަޅީގައި ޖެއްސުނުކަން ހަނދާންވެސް ނެތީތީ ހެއްޔެވެ؟
އަމާރާގެ މާޒީގެ ތެރެއިން..
މަރައިލި އެސްފިޔަތަކުގެ ތެރެއިން ފެންނަމުންދިޔައީ ލޯބީގެ ހިތްގައިމު ފިލްމެއްގެ މަންޒަރުތަކެއް ނޫނެވެ. އެއީ އަމާރާއާއި ޝައްޔާންގެ ލޯބީގެ ހަނދާންތަކެވެ.
(ނުނިމޭ)