މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މާލީކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. މި ހިދުމަތް އިފްތިތާހުކޮށްފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިންނެވެ.
މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް އަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކޮށްފައިވާ ގުދަންތަކަށް އަސާސީ މުދަލާއި ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ފޯރުކޮށް ދޭން ތައާރަފުކުރި ހިދުމަތެކެވެ.
އެގޮތުން މުދާ އުފުލުމާއި، ގުދަންކުރުމާއި، އަދި މުދާ ފޯރުކޮށް ދިނުމުގެ ހުރިހައި މަރުޙަލާއެއް އެއް ވިއުގައަކުން ގުޅާލައި، ލޮޖިސްޓިކްސްގެ ހަރަދުތައް ކުޑަކޮށް ވިޔަފާރިވެރިންނަށާއި އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް މަގުފަހިކޮށް ދޭނެ އެވެ.
ދެމެހެއްޓެނިވި ލޮޖިސްޓިކްސް ނެޓްވޯކެއްގެ ހިދުމަތް އެމްޕީއެލް އިން ދޭން ފެށުން - ފޮޓޯ: އެމްޕީއެލް
ސަރުކާރުން އެކުލަވާލި ލޮޖިސްޓިކް ނެޓްވޯކް "އެންކަރ" ގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެމް.ޕީ.އެލްއާ ހަވާލުކުރީ 2025 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގަ އެވެ. އެގޮތުން، މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް، އެމް.ޕީ.އެލްއިން ފޯރުކޮށްދެމުންދިޔަ ލޮޖިސްޓިކްސްގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކުންފުނިން ފޯރުކޮށްދޭ ވަކި ހިދުމަތެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ލޮޖިސްޓިކްސް" ވަނީ ކަނޑައަޅައިފަ އެވެ.
އެމްޕީއެލުން އަލަށް ތައާރަފްކުރި ހިދުމަތްތަކުގެ ތެރޭގައި "ޑޮމެސްޓިކް ޓްރާންސްޝިޕްމަންޓް" ހިދުމަތް ވެސް ހިމެނެ އެވެ. މީގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކޮންޓޭނަރުތައް އެމްޕީއެލްގެ އުޅަނދުތަކުގައި ސީދާ އަތޮޅުތަކުގެ ބަނދަރުތަކަށް ފޮނުވައިދެވޭނެ އެވެ. އަދި ތިލަފުށީގައި ކޮމާޝަލް ވެއާހައުސިން ގާއިމްކުރުމާއި، މާލޭ ބަނދަރުން އެއާޕޯޓަށް މުދާ އުފުލައިދޭ ސީ-ޓު-އެއާ ކާގޯގެ ހިދުމަތް ވެސް ފުޅާކޮށްފައިވެ އެވެ.