ދަންވަރު މަގުމަތީ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ކަމާއި ގުޅޭ އިދާރާތަކަށް އެންގެވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާކަމަށާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާކަމަށެވެ.
ފުލުހުން ބުނީ ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް ބަލަން ފެށި ފުރަތަމަ ރޭވެސް 23 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން ގަވައިދާ ހިލާފަށް އުޅުނު އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުން މުޅި ރާއްޖޭގައި ހުރިހާ ރަށެެއްގައި ކުރިޔަށް ދާނެކަމަށް ދިވެހި ފުުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.
އެގޮތުން ރެއިން ފެށިގެން ކޮންމެ ރެއަކު ދަންވަރު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިޔަށް ގެންދާނެކަމަށެވެ. މި މަސައްކަތް މާލެއާއި ހުޅުމާލެގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިޔަށް ގެންދާނެކަަމަށް ފުލުހުން ބުނެެއެވެ.
މި މަސައްކަތުގެ ދަށުން ދަންވަރުގެ ވަގުތުތަކުގައި ބޭނުންމެއްނެތި ބާރުގައި އުޅޭ ބިދޭސީން ހުއްޓުވާ މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ހާއްސަކޮށްް މާލެއާއި ހުޅުމާލޭގައި އާއްމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާކަތު ބަލާ އެ ފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިޔަށް ދާނެކަމަށް ފުލުހުން ބުނެއެވެ.
މިގޮތަށް ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީންނާއި މެދު ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަަކައި އެފަދަ ފަރާތްތައް އިމިގްރޭޝަނާއި ހަވާލުކުރާނެކަަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.