ސީއެންއެމްއަށް މައުލޫމާތުދެމުން ނަރުދޫ ޓާސްކް ފޯހުން ބުނީ މިހާތަނަށް 52 ސާމްޕަލް ނަގާފައިވާ ކަަމަށާއި އޭގެ ތެރެއިން 30 ސާމްޕަލް ނެގެޓިވްވެފައި ކަމަށެވެ.
އެގޮތުން މިހާތަނަށް ކޮވިޑް-19 އަށް އެރަށުން 11 މީހުން ޕޮޒިޓިވްވެފައިވާއިރު ނަތީޖާ ނުލިބި 11 ސާމްޕަލެއް އަދި އެބަހުއްޓެވެ. އަދި އިތުރު ކޮންޓެކްޓްވި ފަރާތްތައް ނޯޓްކުރެވި އެކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހިއްސާކުރެވިފައިވާކަމަށް ޓްސްކް ފޯހުން ބުނެފައިވެ އެވެ.
ނަރުދޫގައި ބައްޔަށް ޕޮޒިޓިވްވި މީހުން އިތުުރު ވަމުން އަންނައިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަރަންޓީނު ކުރަމުންނެވެ. އެގޮތުން އެރަށުގައި ހުރި ހަމައެކަނި ޑޮކްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމާ ގުޅިގެން ކަރަންޓީނަށް ގެންގޮސްފައިވާކަމަށް ޓާސްކް ފޯހުން ބުނެ އެވެ.
އަދި އެކަމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ޑޮކްޓަރެއް ގެނައުމުގެ މަޝްވަރާތައް، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި ދެތިން ދުވަސް ތެރޭގައި ޑޮކްޓަރެއް ހަމަޖެހޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ޓާސްކް ފޯހުން ބުނެ އެވެ.
އެރަށުގައި ހިދުމަތް ދެމުން އަންނަ ޑޮކްޓަރު ކަރަންޓީނަށް ގެންގޮސްފައިވާއިރު އެރަށުގައި ތިބި ދެ ނަރުހުންވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. ނަމަވެސް ސިއްހީ މަރުކަޒުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް އިން ނަރުހެއް ގެނެސް ދަނީ ހިދުމަތް ފޯރުކޮށްދެމުނުންނެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރެއިން އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ރަށަކީ ނަރުދޫ އެވެ. އެކަމާ ގުޅިގެން އެރަށުގެ ހާލަތު ބެއްލެވުމަށް ހެލްތް މިނސްޓަރު އަބްދުﷲ އަމީން އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ޑރ. އަލީ ލަތީފުގެ އިތުރުން އެމްއެންޑީއެފްއާއި ޕޮލިހުންގެ އިސް ބޭފުޅުން ވަނީ އެރަށަށް ވަޑައިގެންފަ އެވެ.