"އެކްސް"ގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ އެ ކުންފުނީގެ ހިދުމަތުގެ އޮންލައިން ފީޑްބެކް ފޯމެއް މިހާރު ވަނީ އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރެވިފައި ކަމަށެވެ.
މި ފޯމްގައި ސްޓެލްކޯއިން ހިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި ސްޓެލްކޯ އާ ދޭތެރޭ އިތުބާރު އޮތް މިންވަރާއި ސްޓެލްކޯގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ.
މީގެ އިތުރުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް އާމެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލުކޮށް ދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް އަދި ސްޓެލްކޯއިން ހިދުމަތް ފޯރުކޮށްދިނުމުގައާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރުވެސް ރޭޓް ކުރެވޭނެ އެވެ.
މި ފޯމް މެދުވެރިކޮށް ސްޓެލްކޯއިން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ނަމަ ފާހަގަކުރެވޭ ކަންކަމާއި ސްޓެލްކޯއިން ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާގެ އިތުރުން އިތުރު ހިޔާލު ލިޔެވޭނެ އެވެ.
އެ ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ދިނުމަށް ދައުވަތު އަރުވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.