ދިވެހި ބަހުގެ އެކަޑަމީން ބޭއްވި އަދަބީ މުބާރާތްތަކާއި، އަތުލިޔުން މުބާރާތުގެ އިނާމު ދިނުމަށް މިރޭ ސޮލާހުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށެވެ. ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށާއި އަދި އެއީ އިންތިހާއަށް ބޭނުންތެރި ދެ ފަންނު ކަމަށްވެސް ވިދާޅުވި އެވެ.
ކުޑަކުދީންނަށާއި ޒުވާނުންނަށާއި އަދި އެ ނޫންވެސް މީހުންނަށް ބޭނުންވާ ދިވެހިބަހުގެ ފޮތްތައް ލިޔަން ބޭނުންވާ އަދި މިހާރުވެސް އެ މަސައްކަތް ކުރާ އެތައް ބަޔަކު އެބަތިބި ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެކަމކު ފޮތް ޗާޕުކުރުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތައް ހުރި ކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ފާޅުކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. އެއީ ގައުމީ މައްސަލައެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާތީ އެކަމާ އަޅާނުލައި ދޫކޮށްލައްވައިގެން ނުހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
އަދަބިއްޔާތަކީ ގައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމަކީ ގައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުން - ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ދިވެހި ތަރިކައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައަށް ހާއްސަ މިނިސްޓްރީއެއް އުފެއްދީ އެ ބޭނުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ގައުމީ ފެންވަރުގައި ވަޒަން ކުރެވޭ ގައުމީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވާފަ އެވެ.
ރައީސް ވަނީ، އަދަބީ އެކި މުބާރާތްތަކުން ވަނަތައް ހާސިލް ކުރުމާއެކު އެ ހުނަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފަ އެވެ. އެގޮތުން ކޮންމެ ކުއްޖަކުވެސް އަދަބީ ގާބިލުކަން ދިވެހި ގައުމާ އެއްކޮޅަށް ބޭނުން ކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި ކޮންމެ ވާހަކަ އެއްވެސް ހަގީގީތާއި މަސްލަހަތައް ބެލުމަށްފަހު ލިޔުމާއި މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރެއްވި އެވެ.