އެޗްޕީއޭ އިން ބުނީ މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ޑެންގީ ހުން ފެތުރެމުން އަންނަ މިންވަރު އިތުރުވެފައިވާ ކަމަށެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ޑެންގީ ހުން ޖެހިގެން 260 މީހަކު ރިޕޯޓް ކުރިއިރު އޮކްޓޫބަރު މަހު އެ އަދަދު ވަނީ 342 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރި މިންވަރަށް ވުރެ އިތުރު އަދަދެކެވެ.
އެޗްޕީއޭއިން ވަނީ ޑެންގީ ހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފަރުވާތަކާއި އަލާމާތްތައް ވަނީ ހިއްސާކޮށްފަ އެވެ.
ޑެންގީ އަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޑެންގީ ޖައްސަނީ އެއިޑިސް މަދިރި އެވެ. ސާފު ފެނަށް ބިސް އަޅައި އާލާވާ މި މަދިރިން ސަލާމަތް ވުމަކީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅެވެ. މަދިރި އާލާވިޔަ ނުދިނުމަށް، ފެން ހަރުލާ ގޮތަށް އެއްޗެހި އުކާލާފައި ނުބެހެއްޓުން މުހިންމެވެ.