އިރުގެ ރަން ދޯދިތަށް ހުދުކުލައިގެ ލޭސް ފަރުދާގެ ތެރެއިން ކޮޓަރިއަށް އަމާޒުވެފައިވެ އެވެ. ދެ ހިތެއްގެ ވިންދުގައި އުފެދިފައި ވަނީ މިއުޒިކީ އެއް ރާގެކެވެ. ހުދު ސެޓިންގ ބްލޭންކެޓް އެނދުގެ މެދުން ތިރިއަށް ކެހިގެން ފައިބާފައިވުމުން، އެނދުގައި ތިބި ދެ ބައިވެރިންގެ ހަށިގަނޑުން ބައެއް އޮތީ ހާމައަށެވެ. ޝައްޔާންގެ ބާރުގަދަ ދެ އަތުގެ ތެރޭގައި އަމާރާ ހިފަހަށްޓާލާފައިވަނީ ދުނިޔޭގެ އެއްވެސް ބާރަކަށް، އޭނާގެ އަމާރާ އެ އަތުގެ ތެރެއިން ނުނެރެވޭނެކަން ސާބިތުކޮށްދިނުމަށެވެ.
އަމާރާގެ ހިތާއި ނަފުސާއި ކޮންމެ ހިމަ ނާރެއްގައި ވަނީ ޝައްޔާންގެ ނަމެވެ. އެއީ ހަމައެކަނި ޝައްޔާންގެ ހައްގެކެވެ. އެކަން އޭނާގެ އަމަލުން، ރޭގައިވެސް އަދި ފާއިތުވެ ދިޔަ އެތަށް ރެއަކު ވަނީ ޔަގީންކޮށްދީފަ އެވެ.
"މާ ބަނޑު ވުމަކީ ހަމައެކަނި ދަރިއަކު ލިބުމެއް ނޫން.. އަހަރެންގެ މުޅި ހަށިގަނޑަށް އެތަށް ބަދަލެއް އަންނާނެ.. އެއްވެސް ސަބަބެއް ނެތި ރުޅިގަދަވެ، ކޫސަނި އެތަށް ޑިމާންޑް ތަކަކުން ޝައްޔާންގެ ސިކުނޑި ހާސްކުރާނެ.. ވަރަށް މަދު އަންހެނަކު ނޫނީ، މާބަނޑުވާ ފުރަތަމަ ދުވަސްވަރު ވަރަށް ބަލިވެސް ވާނެ.. ލޮލަށްވެސް ނުފެނި، ޝައްޔާން ގިނަ ވަގުތު ޝޫޓިންގ ތަކުގައި އުޅޭތީ، ރެއާއި ދުވާލު ޝަކުވާ ކުރެވޭނެ.. އެ ހިސާބުން ޝައްޔާން ބޮލަށް އުނދަގޫވެ، އަހަރެން ކަމުނުދިޔައީމަ ދެން ހަދާނީ ކިހިނެއް..؟ އެންމެ ބޮޑަށް ވިސްނެނީ، މާބަނޑުވުމާއެކު އަހަރެން އެކަނިވެރި ވެދާނެތީ.."
ރެއާއި ދުވާލު އިވެމުންދާ އަޑުތަކާއި ފެންނަ މަންޒަރުތަކާއި އެހެން އަންހެނުން ތަހަންމަލް ކުރަމުންދާ 'މާބަނޑު ދުވަސްވަރު'ގެ ތަޖުރިބާއިން އަމާރާ ގަތްފައިވާ ބިރު، ފުރަތަމަ ފަހަރަށް ޝައްޔާންއާއި ހިއްސާކުރި އެވެ.
އެދުވަހުގެ ލޮބުވެތި އެވަގުތުގައި ޝައްޔާންގެ އަތުތެރޭގައި އަމާރާ ބޮނޑިކޮށްލި ގޮތް މިއަދުވެސް އަމާރާ ހަނދާން އެބަހުއްޓެވެ. ކުރިއަށް ވުރެންވެސް ގާތްކޮށްލައި، ނިއްކުރިއާއި މޫނުގެ އެތަން މިތަނުގައި ބޮސްދިން ގޮތް އަމާރާގެ ހަނދާނުން ފިލައިގެން ނުދާނެ އެވެ.
ލޮލުގެކުޑަކޮޅުން ވެއްޓުނު ކަރުނަ އެދުވަހު ފޮހެލީ ޝައްޔާންގެ އަތުގެ އިނގިލިތަކަކުން ނޫނެވެ. ލޮލުން އޮހޮރުނު ކޮންމެ ކަރުނަ ތިއްކެއް ރައްކާކުރީ ޝައްޔާންގެ ދެ ތުންފަތުގެ އެހީގައި އެވެ.
އެވަގުތު ބަދަލުކުރެވުނު ސުވާލުތަކާއި ބުނެލި ކޮންމެ ޖުމުލައެއް އަމާރާގެ ހިނދުރީގައި އާރޯކަމާއެކު އެބަހުއްޓެވެ.
"އެކަނިވެރި..؟ އަމާރާ މޮޔަވީތަ..؟ އެފަދަ ދުވަހެއްގައި އަމާރާގެ ކޮންމެ ފިޔަވަޅެއްގެ އެންމެ ގާތުގައި ހުންނާނީ އަހަރެން..! ރެއާއި ދުވާލު.. މެންދުރާއި، މެންދަމުގެ ހިދުމަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނަން.. އިންޝާ ﷲ، އަހަރެންގެ އަނބިމީހާއާއި ދަރިފުޅަށްޓަކައި މުޅި ދުނިޔޭގެ ހުރިހައި އުފަލެއް ހޯދައިދޭނަން.." ދެ އަތުގެ ތެރޭގައި އަމާރާ ބޮނޑިކޮށްލައި ނިއްކުރިގައި ތުންފަތް ޖައްސައި ފިއްތާލި އެވެ.
އެ އީ އެދުވަހުގެ ހެނދުނަށް އެރި އިރުގެ ރަންދޯދިތަކުގެ ހިތްގައިމު މަންޒިލްގައި ޝައްޔާން ވީ ވައުދެވެ. އަމާރާއަކީ އޭނާގެ އަންބެއްކަން، ދެމީހުންގެ މަޝްވަރާއެއްގެ ތެރެއިން ފުރަތަމަ ފަހަރަށް އަޑު ވީއްލައި ބުނެލީ އެދުވަހު އެވެ. މާބަނޑުވުމުގެ ބަހުސަކީ ޝައްޔާންއަށް މުހިއްމު ވާހަކައެކެވެ. އަމާރާ ފަދަ، ލޯބި ލޯބީ އަންހެން ދަރިޔަކު ޝައްޔާން ބޭނުމެވެ. ނަމަވެސް އެދުވަސް ދެކެން ބޭނުމީ، ޝައްޔާންގެ މައްޗަށް ގަދަ ނުފޫޒު ފޯރުވާ، އޭނާގެ މަންމައާއި ބައްޕަ އަދި ދެފަރާތުގެ އާއިލާގެ އެންމެންގެ ކުރިމަތީގައި އަމާރާ ތައާރަފްކުރުމަށް ފަހު އެވެ.
މުޅި ދުނިޔެއަށް ސިއްރުން ކުރި ކައިވެނީގެ އަގު ޝައްޔާން އަދާކުރާންޖެހޭނީ ކިހިނެއްކަން އޭނާއަށް އަންދާޒާ ކުރެވެ އެވެ. ނަމަވެސް އެކަން ވެގެންދާނީ އޭނާގެ ހަޔާތުގައި މިހައިތަނަށް އަދާކުރި ކުރިހައި ރޯލަކަށްވުރެން ދަތި އުނދަގޫ ރޯލަކަށް ކަން ޝައްޔާންއަށްވެސް އަދި އަމާރާއަށްވެސް ޔަގީންވެ އެވެ.
"ޑޮކްޓަރ އަމާރާގެ ލޮބުވެތި ފިރިމީހާއަކީ، މުޅި އޭޝިޔާގައި ނެއްވަރުގެ ކުޅަދާނަ 'ހީރޯ'އެއްކަން އަބަދުވެސް ހަނދާންކުރަންވާނެ.. އަނބިމީހާ އާއި އަމިއްލަ ދަރިފުޅުގެ ހައްގުގައި މި ހީރޯ ފަތަހަ ކުރާނެ، ކަނޑުތަކާއި ބިންތަށް އަންދާޒާވެސް ނުކުރެވޭތަ..؟" އަމާރާގެ އުނގަނޑުގައި ދެއަތުން ބައްދައިލަމުން ޝައްޔާން ބުނެލުމާއެކު މުޅި ކޮޓަރީގައި ގުގުމާލީ އަމާރާގެ ހިތްގައިމު ހިނިތުންވުމުގެ އަޑުތަކެވެ.
އެއީ އެދުވަހެވެ.
އެއީ މާޒީ އެވެ.
ދުނިޔެއަކީ އިތުބާރެއް ނެތް ކެހިވެރި މަންޒިލެކެވެ.
ކޮންމެ ފިޔަވަޅެއްގެ އެންމެ ގާތުގައި ވެދޭނަންކަމަށް ޝައްޔާން ވައުދުވި މަރުހަލާ އަކީވެސް މިއަދު މާޒީ އެވެ.
ލޮލުގެކުޑަކޮޅުން ވެއްޓުނު ކަރުނަ އަމާރާ ފޮހެލި އެވެ. ޝައްޔާންގެ ހަޔާތުގައި އަމާރާއަކީ 'ކާކުކަން' މިއަދާއި ޖެހެންދެންވެސް އެއްވެސް މީހަކަށް ނޭގެ އެވެ. ދެއްކޭނެ ހެއްކެއް ނެތުމުން އެ ހަނދާންތަކާއި އެ މަންޒަރުތަކާއި އެ ހިތްދަތި ހަގީގަތް އަމާރާ ވަނީ ކަފުންކޮށް ވަޅުލާފަ އެވެ.
ޝައްޔާންގެ ދަރިފުޅާއި އޭނާގެ ހަލާލު އަނބިމީހާ ވަނީ ދުނިޔެއަށް އެކަނިވެރިވެފަ އެވެ. ހަމަ އެންމެ ސަބަބަކާއި ހުރެ އެވެ. ހަގީގަތާއި ކުރިމަތިލާނެ 'ހިތްވަރު' ޝައްޔާންގެ މައިބަދައިގައި ނެތުމުންނެވެ.
މުޅީ އޭޝިޔާގައި ނެތްވަރުގެ ކުޅަދާނަ 'ހީރޯ'އަށް އެންމެ ބޭނުންވި ވަގުތު އޭނާގެ އަނބިމީހާއާއި ދަރިފުޅު ދުނިޔެއަށް އެނަކިވެރިވީ އެވެ. ދިގު އަދި ބުރަ ޑިއުޓީތަކާއި މައެއްގެ ޒިންމާއިން ރެއާއި ދުވާލުގެ ސައުވީސްގަޑިއިރު ހޭދަކުރުމަށް އަމާރާ ކަޑައެޅި އަޒުމަށް ބަދަލެއް ނާދެ އެވެ. ކުރި ވައުދުތަކާއި އަހުދުތަށް މިއަދުވެސް ހަނދާނުގައި އެބަހުއްޓެވެ.
މުޅި އުމުރުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި، އަވާމެންދުރަކަށް ބަދަލުވީ އެވެ. އެއް ދުވަހު އަތުގައި ހިފާފައި އަނެއް ދުވަހު ފުރަގަސްދިނީ އެވެ. އެކަނިވެރިކޮށް ބާކީ ކޮށްލީ މުޅި އުމުރަށެވެ.
ދެ ލޯ މެރެމުންދިޔަ ވަގުތު އަމާރާ ސިއްސައިގެން ދިޔައީ ފޯނުގެ އަޑަށެވެ. މެންދަމުގެ ގަޑިން، ދެގަޑި ފަންސަވީހުގައި ހޮސްޕިޓަލުން އަންނާނީ ކޮންކަހަލަ ކޯލެއްކަން އިނގޭތީ، ކުއްލިޔަކަށް އޭނާގެ ފޯނަށް ޖަވާބު ދިނެވެ.
......................
ހޮސްޕިޓަލުގައި އާންމުކޮށް އެންމެ އަމާން ކަމަށް ފާހަގަކުރެވިފައި ވަނީ މެންދަމާއި ފަތިހުގެ ވަގުތުތަކެވެ. ނަމަވެސް އެވަގުތުތަކުގައި 'އިމަރޖެންސީ'ގެ ގޮތުގައި ރަޖިސްޓްރީކުރެވޭ ހަދިސާތަކަކީ 'ބިރުވެރި' ކަންކަމެވެ.
އެފަދަ ކިތަންމެ ފައިލެއް މިރޭ ވެސް އަމާރާގެ ކަނާތްފަރާތުގައި ބަރިޖަހާލާފައި އެބަހުއްޓެވެ.
ނިދިން މަހުރޫމުވެ، ދުޅަވެފައިވާ ލޮލަކާއެކު އަމާރާ ދިރާސާކުރަމުން އެދަނީ އެފަދަ ބަލި މީހުންގެ ރިކޯޑްތަކެވެ.
"ޑޮކްޓަރ އަމާރާ.." ޓަކި ޖަހައިލުމެއްވެސް ނެތި، ކުއްލިޔަކަށް ދޮރު ހުޅުވާލާފައި ނަރުހަކު ގޮވައިލީ އަމާރާ އަށެވެ. މާނޭވާލަމުން، ވާހަކަދެއްކޭތޯ އޭނާ މަސައްކަތްކުރި އެވެ.
މިވަގުތު ޑިއުޓީގައި ހުންނެވި ސީނިޔާ ޑޮކްޓަރ ހުންނެވީ ސަރޖަރީއެއްގައި ކަމަށްވާތީ އިމަރޖެންސީއަށް އަމާރާ ވަގުތުން ހާޒިރުވުމަށް ނަރުސް އެދުނެވެ.
ގޮނޑިން ތެދުވުމުގެ ކުރީން އަމާރާގެ ކޮނޑަށް ސްޓެތެސްކޯޕް ހުރަސްކޮށްލައިފި އެވެ.
"ވަޓް'ސް ދި ކޭސް؟"
ދޮރާއި ދިމާއަށް ދުއްވައިގަންނަމުން އަމާރާ ސުވާލުކުރި އެވެ.
"ސުއިސައިޑް އެޓެމްޕްޓް.. އަ ޓީނޭޖް ގަރލް" ހާސްކަމުގެ ތެރެއިން ނަރުހަށް ބުނެވުނު އިރު އިމަރޖެންސީއާއި ދިމާއަށް އަމާރާ ދުއްވައިގެންފި އެވެ. އޭނާއާއި އެއްވަރަށް ދުވަމުން، އެވަގުތަށް މުހިއްމު ހުރިހައި މައުލޫމާތެއް އަމާރާއަށް، ނަރުސް ދީފި އެވެ.
އިމަރޖެންސީގެ ދޮރު ހުޅުވާލުމާއެކު އަމާރާގެ ލޮލުގައި އަޅައިގަތީ ނަވާރަ ނުވަތަ އަށާރަ އަހަރުގެ އުމުރުން ހަގު އަންހެން ދަރިއެކެވެ. އޭނާގެ އަތުކުރީގައި ބޯކޮށް އޮޅާފައިވާ ބޭންޑޭޖަށް އަމާރާ ބަލައިލި އެވެ. ފިޔަވަޅުތަކަށް މަޑުޖެހުމެއް އައުމުން، އެނދުގެ ވަށައިގެންވީ މާހައުލަށް އަމާރާ ބަލައިލި އެވެ. ސަލާމަތުން އޮތް އަތަށް ވަނީ އައިވީ ގުޅާފަ އެވެ. ތުންފަތް ހިކިފައިވުމުން، ދެތުންފަތް ވަނީ ދުރުކޮށްލެވިފަ އެވެ. ދިރުމެއް ނެތަސް، ބޮޑު ދެ ލޮލުގެކުޑަކޮޅުން ފައިބަމުންދިޔަ ކަރުނައަށް ހުއްޓުމެއް ނެތެވެ.
ތެޅެމުންދިޔަ ހިތަކާއެކު އެ އަންހެންކުއްޖާގެ ދާދި ގާތުގައި އަމާރާ ހުއްޓުނެވެ.
"އައްސަލާމް އަލައިކުމް.. ދިވެހި ކުއްޖެއްތަ..؟" ދެކެފަރިތަ ގޮތެއް ހުރުމާއި، އަމާރާއަށް އިހްސާސްކުރެވުނު ތަފާތު ގާތްކަމެއްގެ ސަބަބުން، އެސުވާލު ނުކޮށް ކެތް ނުވީ އެވެ.
އަމާރާގެ ސުވާލު އެ އަންހެން ކުއްޖާއަށް އަޑު އިވުނުކަމުގެ އިޝާރާތެއް ނެތެވެ. އެ ސުވާލަށް އޭނާ އަޅާވެސް ނުލި އެވެ.
"ހާސްނުވޭ.. މިވަގުތުން ފެށިގެން ފުރިހަމަ ރައްކާތެރިކަމުގެ ޔަގީންކަން އަރުވަން.. ތިޔަ އޮވެވުނީ އެންމެ ރައްކާތެރި އަދި އެންމެ އަމާން މަންޒިލްގައި..!" އޯގާތެރިކަމާއެކު މަޑުމަޑުން އަމާރާ ބުނެލީ ފަރުވާތެރިކަމާއެކު އޭނާގެ ވިންދު ބަލަމުންނެވެ
ދުވެފައި އައި ވަގުތު ނަރުސް ބުނަމުންދިޔަ ބަސްތަށް އަމާރާގެ ސިކުނޑީގައި ތަކުރާރުވި އެވެ.
ހޮސްޕިޓަލަށް ގެނެވުނުއިރުވެސް އަންހެންކުއްޖާ މުޅިން ހޭނާރަ އެވެ.
ފުރާނައަށް ނުރައްކާވެދާނެ މިންވަރަށް ފުންކޮށް ކަނޑާލާފައި ނެތަސް، ޒަހަމް ދީފައިވަނީ ގަސްތުގަ އެވެ. ފަރުވާދިނުމަށް އެންމެ މިނެޓެއްވެސް އަމާރާ ބޭކާރު ނުކުރި އެވެ.
ގަދަޔަށް އައްސި ކުރުމަށްފަހު އަށް 'ސްޓިޗް' ޖަހަން ޖެހުނެވެ. ހޮސްޕިޓަލްގެ އުސޫލްތަކުގެ ތެރެއިން، މި ހާދިސާ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އެއީ އެކަން ކުރަން، އިންޑިއާގެ ގާނޫނުތަކާއި އުސޫތަކުގެ ދަށުން ލާޒިމްކުރާ ކަމެކެވެ. އެފަދަ ކަމަކަށް، ޒިންމާދާރު ހޮސްޕިޓަލަކުން ލަހެއްފަހެން ކުރުމެއް ނޯންނާނެ އެވެ. މިރޭގެ ހާލަތުގައި އަމާރާއަށް މުހިއްމުވީ ފުރާނަ ސަލާމަތްކުރުން ކަމަށްވާތީ، ފުލުހުން ހާޒިރު ނުވަނީސް ފަރުވާ ފުރިހަމަކުރީ އެވެ.
ފަރުވާ ދެވުނުފަހުން ދޮޅުގަޑީރު ވެއްޖެ އެވެ.
ހުވަފެނީ ގޮތަކަށް ކޮންމެވެސް އެއްޗެއް ބުނުމަށް އެ އަންހެންކުއްޖާ މަސައްކަތްކުރަމުން ދިޔަ އެވެ. ޖަހަމުންދާ ބާރުގަދަ ވިންދުގެ ސަބަބުން މިފަދަ ހާލަތްތަށް ކުރިމަތިވުމަކީ އާންމު ކަމެކެވެ.
ތަކުރާރުކޮށް އަމާރާއަށް ބެލުނީ ވޭނުގައި އޮތް ކުއްޖާއަށެވެ. ދަންނަ ފަރިތަ ގޮތެއް އެމޫނުގައި އެބަހުއްޓެވެ. ނަމަވެސް ވައްތަރު ވަނީ ކާކުގެ ސޫރައާއި ކަމެއް ފާހަގަކުރާން މިވަގުތު އަމާރާއަކަށް ނޭގުނެވެ.
އައްސިކޮށްފައި ވާތީ، މިވަގުތަށް ރިހުން މަޑުވެފައިވިޔަސް އެ ޒަހަމްގެ ވޭން، މި އަންހެން ދަރިފުޅު އުފުލާނެ ހާލު ހިތަށް އެރުމުން އަމާރާގެ ދެ ލޯ މަރައިލެވުނެވެ.
އެނދުގެ ފައިލާކޮޅުގައި އެލުވާފައިވާ ފައިލް އަމާރާ ނެގި އެވެ. ބަލިމީހާގެ ނަން އަމާރާއަށް މުހިއްމުވެއްޖެ އެވެ.
'ފަލަކް'...؟ މަޑުމަޑުން އެ ނަން ކިޔަލި އެވެ. (ނުނިމޭ)