މާލީ ދާއިރާގެ މުހިއްމު ތަރައްގީގެ ހަރަކާތްތައް ފެށުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ، ޕޭމެންޓް މޯލްޑިވްސް މެދުވެރިކޮށް، ބޭރުގެ ޕޭމެންޓް ނެޓްވޯކްތަކާ ގުޅާލުމުން އިތުރު ލުއިތައް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހު ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ޕޭމެންޓްތައް ހެދޭނެ ކަމަށެވެ
ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާ ދެމެދު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން އެމްއެމްއޭއިން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވާނެ ކަމަށެވެ.
މި މަސައްކަތަކީ އެމްއެމްއޭއިން ކުރިއަށް އޮތް ތިން އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކޮށް، ބައިނަލްއަޤުވާމީ ނެޓްވޯކުތަކާ ގުޅައިލުމަށް ކުރާ މަސައްކަތެކެވެ.