ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ވަކިވަކި ފަރުދުންގެ މައްސަލަތައް ހައްލުކުރުމަށް ވުރެ ބޮޑަށް، މުޅި ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކަށް ޖުމްލަ ހައްލެއް ސަރުކާރުން ހޯއްދަވައިދެއްވަން ޖެހޭނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރައްޔިތުން ބޭހަށް ޖެހިފައި ނުވާ ކަމަށް ޝިފާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ދަތި ހާލަތުގައި ވެސް ދިވެހިން ބޭހަށް ޖެހިފައި ނުވާ ކަމަށާއި، ނަމަވެސް މިއަދު އާދައިގެ ބޭސް ސިޓީއެއް ހަމަޔަށް ނުލިބޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށެވެ. އަދި އައިޖީއެމްއެޗް ސަރަހައްދުގައި ހުންނަ ބޭސް ފިހާރަތަކުން ފަސް ބާވަތުގެ ބޭސް ހިމެނޭ ސިޓީއަކަށް ބޭސް ހޯދަން އުޅުނަސް، ބޭސް ހަމަޔަށް ނުލިބޭ ކަމުގެ ޝަކުވާތައް އާންމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލައްވަމުން ޝިފާޒް ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ގާނޫނު އަސާސީން ލާޒިމުކުރާ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން ދައުލަތުން އެކަން ފަހިކޮށްދޭން ޖެހޭނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެގެން ދިޔަ އެއް ސަބަބަކީ ދަފްތަރުގައި ޖެހިފައިވާ މީހުންގެ އަދަދު ގިނަވުން ކަމަށް ވެސް ޝިފާޒްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.