ads
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
މަގާމުގައި ހުރެ ޕްރައިމަރީގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން: ޝާހިދު
އެމްޑީޕީގެ އެތެރޭގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައި އޮއްވައި، ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ތެރެއިން، ޝާހިދުގެ ތާއީދު އަލީ އާޒިމަށް އޮތް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

އެކަން ދޮގުކުރައްވަމުން އެކްސްގައި ޝާހިދު މިރޭ ވިދާޅުވީ ޕާޓީގެ ރައީސްގެ މަގާމުގައި ހުރެ ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރި ކަަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"މާތް اللهގެ ހެޔޮ ރަހްމަތްފުޅުން މި އިންތިހާބު އެމްޑީޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ," ޝާހިދުގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ވަކިކޮޅަކަށް ނާރުއްވާ ކަމަށް ޝާހިދު ވިދާޅުވިއިރު ކުރީގެ ރައީސް ނަޝީދު ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމާ އެކުގަ އެވެ. ނަޝީދާއި ސިޔާސީ ހިޔާލު ތަފާތުވުންތައް އޮތް ކުރީގެ ގާތް އެކުވެރިޔާ ކުރީގެ ރައީސް ސޯލިހު ސަޕޯޓް ކުރައްވަނީ މިހާރު ވެސް މާލޭގެ މޭޔަރު އާދަމް އާޒިމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް ދަނީ މާލޭ މާޔަރުކަމުގެ ޓިކެޓް ހޯދުމުގެ ރޭހެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ 16 ޖެނުއަރީގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް