ads
އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރަ - ފޮޓޯ/ އެސްޓީއޯ
ބޭސް ނުލިބި، އެސްޓީއޯ އާއި އާސަންދަ މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ
ރައްޔިތުންނަށް ލިބެން ޖެހޭ ގިނަ ބޭސްތަކެއް އެއްގޮތަކަށް ވެސް ނުލިބޭ މައްސަލަ ބެލުމަށްޓަކައި އާސަންދައާއި، އެސްޓީއޯގެ ކަމާ ބެހޭ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް މިއަދު އެދިވަޑައިގެންފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި މެންބަރު ކުޑޫ ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރުން ފެށިގެން ޑޮކްޓަރުން ބޭސް ދޭ ބޭސް، އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބެ އެވެ. 

އެފަދަ ބޭސް އެސްޓީއޯއިން ގަންނަން ވެސް ނުލިބޭ މައްސަލަ އާއްމުންގެ ފަރާތުން ކެނޑިނޭޅި ލިބެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށް ވެސް ރާއްޖެއިން ނުލިބޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުހައްމަދު އިބްރާހިމް ވިދާޅުވީ ދާއިމީ ގޮތެއްގައި ބޭސް ކާން ޖެހޭ މީހުންގެ ތެރެއިން ހަކުރު ބައްޔާއި ކެންސަރު، އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނެ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތައް ކަމަށެވެ.

މި ބޭސްތައް ނުލިބުމަކީ، މިދިޔަ އެއްވެސް ސަރުކާރެއްގައި ހިނގި ކަމެއް ނޫން ކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ވެސް މި ބޭސްތައް ލިބުން މިހާ ދަތިނުވާ ކަމަށް ވިދާޅުވި އެވެ.

ބޭހުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުންފުންޏެއް ވެސް އުފެއްދި އެވެ. އޭގެ ކުރިން ވެސް ބޭސް ގެނައުމަށް ކަމަށް ބުނެ އެކި އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރި އެވެ. އެސްޓީއޯ އާއި އާސަންދައިގެ ވެރިން މަޖިލީހަށް ހާޒިރު ކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، މި ފަދަ އަސާސީ ހިދުމަތަކަށް ލޮޅުން އަރައިގެން އުޅެނީ ކީއްވެގެންތޯ ބަލައި، އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބޭހަށް ހާއްސަ ކުންފުންޏެއް އުފެއްދިތާ ދެމަސްވިއިރު ވެސް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި އޮއްވައި، ރާއްޖެއަކީ ބޭސް އުފައްދާ ތަނަކަށް ހެދިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ މިފަހުން މަޖިލީހުގައި ވެސް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖެއިން ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވި އެވެ. ސަރުކާރުން ފުރަތަމަ އެކަން ދޮގުކުރި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭހުގެ ދަތިކަމުގެ ސަބަބެއް ކަމުގައި ދެއްކެވީ، "މެޑިކަލް މާފިއާ" ނުވަތަ ސިއްހީ ހިދުމަތްތަކުގެ ވިޔަފާރި ކުރާ ފަރާތްތަކުން ގަސްތުގައި ބޭސް ނުގެނެއުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް