އެމަނިކުފާނު މިހެން ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވި ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ޔޫތު ކޮންފަރެންސްގެ 6 ގްރޫޕަކުން، 6 ދާއިރާއެއްގެ މައްޗަށް ޕްރެޒެންޓޭޝަންތައް ހުށަހަޅައި، މަޝްވަރާތައް ކުރިއަށްދިޔަ އެވެ.
މި ޕްރެޒެންޓޭޝަންތަކަށްފަހު ރައީސް ވަނީ ކޮންމެ ޕްރެޒެންޓޭޝަނެއްގައި ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކުރައްވައި އެކަންކަމާގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ގޮތް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމުކަމަށާއި ރާއްޖޭގައި ޒަމާނުއްސުރެ ކަންހިނގަމުންދާގޮތަށް ބަލާނަމަ، ހަރުދަނާ ގޮތެއްގައި ޒުވާނުންގެ ބައިވެރިވުން ނެތްކަން ފާހަގަކުރެއްވި އެވެ.
އަދި އެކަމަށް ހައްލު ގެނައުމަށްޓަކައި އެކަން މެނިފެސްޓޯގައި ހިމަނުއްވައި، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް އުފެއްދެވިކަން ފާހަގަކުރެއްވި އެވެ.
އަދި ދިމާވި އެކިއެކި ގޮންޖެހުންތަކާއެކުގައިވެސް އެ ބޯޑުން ހުއްޓުމެއްބެތި މަސައްކަތްކުރަމުން ގެންދިޔަކަމަށާ، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި އެ ބޯޑުގެ މަސައްކަތް އިތުރަށް ރަނގަޅުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވާހަކަފުޅުގައި، ޒުވާނުންގެ ފަރާތުން ފާޅުކުރި ބައެއް ކަންކަމަށް ނިސްބަތްކުރައްވައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މަދުކަން ފާހަގަކުރައްވައި، އެކަންކަން ރަނގަޅުކުރެއްވުމަށް ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރެއްވި އެވެ.
ސްކޫލް ސިސްޓަމްގެ ތެރެއިން ގެނެވޭނެ އެކިއެކި ހައްލުތަކާއި ސްކޫލް ނިންމުމަށްފަހު ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން އޭ-ލެވެލް ޕާތުވޭގެ ތެރެއަށްވެސް ވޮކޭޝަނަލް ޕާތުވޭއެއް މިހާރު ގާއިމުކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގެ ތެރެއިން
ޒުވާނުން ކުރިއަރައިދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގެދޮރުވެރިކަން ނުލިބުން ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ފަތުރުވެރިކަން ފަދަ ދާއިރާތަކަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން، އެ ޒުވާނުންގެ އަމިއްލަ ރަށާއި ރިސޯޓުތަކާއި ކައިރިން ބޮޑެތި އާބާދީތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް އިސްކަންދެއްވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވި އެވެ.
އެގޮތުން ހަމައެކަނި މާލެ ސަރަހައްދަށް ފޯކަސްކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.