ސޯލިހު އާއި ނަޝީދު މި ބައްދަލުކުރެއްވީ، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ދެފަޅިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފައްދައިގެން ސިޔާސީ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ނަޝީދު އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ.
މިއަދު ދެ ރައީސުން މި ބައްދަލުކުރެއްވީ، ވަރަށް އަވަހަށް ނަޝީދާ ބައްދަލުކުރައްވައި ތަފާތުކޮށް ހުރި ހިޔާލުތައް އެއްގޮތް ކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ސޯލިހް އިއްޔެ ދ. ކުޑަހުވަދޫއަށް ވަޑައިގެން ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނިކޮށެވެ.
އެމްޑީޕީގެ އެތެރޭގެ ސިޔާސީ ހަރަކާތްތައް ގިނަ ވާން ފަށާފައިވާ މި ދުވަސްވަރާ ދިމާކޮށް އެ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެމްޑީޕީގެ އޮފީހުގަ އެވެ. އެނގިފައިވާ ގޮތުން މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެ ބޭފުޅުން ގުޅިގެން އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށާއި އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ
ނަޝީދު އާއި ސޯލިހުއަކީ ތުއްޕުޅުއިރުން ފެށިގެން ވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ. ސިޔާސީ މަސައްކަތުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވެ ހައްލު ނުކުރެވޭ ވަރަށް މައްސަލަ ގޯސްވީ 2023 ވަނަ އަހަރުގެ ރިޔާސީ ވާދައިގަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދު އަދި ސޯލިހު އަކީ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވަާފައިވާ ދެ ބޭފުޅުންނެވެ.