ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށް، ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިފަދައިން ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ އެއްވެސް ޔުނިޓެއް އެއްވެސް ފަރާތަކުން ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ އަންނަ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް އެފަރާތްތަކަށް އެންގުމަށާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް ފްލެޓު ލިބިފައިވާ ފަރާތްތަކަށް މި އިއުލާނުގައި އެޗްޑީސީން ވަނީ އަންގާފަ އެވެ.
އެ ތާރީހުގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެޗްޑީސީއާއެކު ވެފައިވާ ފްލެޓު އެއްބަސްވުން އުވާލެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.
ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ހައުސިން ޔުނިޓުތައް ބޮޑުއަގުގައި ކުއްޔަށްދޭ މައްސަލަ ދޭތެރެއަކުން ފެންމަތިވެ އެވެ.