ހަފުތާއަކު އެއްފަހަރު އާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު، ހިނގަމުންދާ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް ޖުމްލަ ހަރަދުވެފައިވަނީ 7.4 ބިލިއަން ރުފިޔާއެވެ. އެއިން އެންމެ ބޮޑު މިންވަރެއް ހަރަދުވީ ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ތަަރައްގީގެ މަޝްރޫއުތަކަށެވެ.
އެގޮތުން ދަތުރުފަތުރާ ގުޅުންހުރި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ޖުމްލަ 4.4 ބިލިއަން ބިލިއަން ރުފިޔާ ހަރަދުވިއިރު އެއިން އެންމެ ބޮޑު އިންސައްތައެއް ހޭދަވީ އެއާޕޯޓުތައް ތަރައްގީކުރުމަށް ހިންގަމުންދާ މަޝްރޫއުތަކަށްކަން މާލީ ހިސާބުތަކުން އެނގެ އެވެ.
ބްރިޖު މަޝްރޫއަށް 870.3 މިލިއަން ރުފިޔާ ހަރަދުކުރިިއިރު ބިން ހިއްކުމުގެ މަޝްރޫއުތަކަށް 698.6 މިލިއަން ރުފިޔާ އަދި މަގު ހެދުމުގެ މަޝްރޫއުތަކަށް 196.9 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީއަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 36.9 ބިލިއަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ. އެއީ ޓެކުހުގެ ގޮތުގައި ލިބުނު 27.4 ބިލިއަން ރުފިޔާއާއި، ޓެކުސް ނޫން ގޮތްގޮތުން ލިބުނު 9.1 ބިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި ލިބުނު 301.5 މިލިއަން ރުފިޔާ އެވެ.
އެތެރޭގެ ދަރަނި އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކުތަކާއި، އެހެނިހެން މާލީ އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުން އަންނަ ކަން ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.