އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި، އެ މަޝްރޫއު ހަވާލުކުރީ ކްރިސްޓަލް ހޯލްޑިންސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޕެރަޓް ކްރިސްޓިކެވެ.
ނ. އަތޮޅުގައި ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރާ، ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް ތަރައްގީކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވަނީ 2028 ވަނަ އަހަރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ރައީސް ގެންގުޅުއްވާ ވަރަށް އުންމީދީ ތަސައްވުރެއްގެ ފެށުން ކަމަށާއި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ، ރިއަލް އެސްޓޭޓް ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ބަންޑާރަނައިބު އަހުމަދު އުޝާމް އާއި ޓީމުން ދެއްވި ފަންނީ ލަފަޔާއި އިރުޝާދަށް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ. އަދި މިކަމުގައި ބައިވެރިވާ އިންވެސްޓަރުން ރާއްޖޭގެ އިގްތިސާދަށް ކުރި އިތުބާރަށް ޓަކައި ޝުކުރު އަދާކުރައްވަމުން، މިއީ ރާއްޖޭގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރާ ފުރަތަމަ ފަރާތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ ސިއްހީ ދުމަތްދޭ މަރުކަޒުތަކާއި، ތައުލީމީ މަރުކަޒުތައް ހިމެނެއެވެ. މީގެ އިތުރުން، މިއީ ތިމާވެއްޓާ ރައްޓެހި މަޝްރޫއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަޝްރޫއުގެ 60 އިންސައްތަ ހަކަތަ އުފައްދާނީ އިއާދަކުރަނިވި ހަކަތައިން ކަމަށެވެ. މިއީ ރައީސް މުއިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވަނީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފަ އެވެ. ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ގައުމެއްކަމަށް އޭނާ ވިދާޅުވި އެވެ.
790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްގީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫއަކަށް ސަރުކާރުން ބުނެ އެވެ.