ދެވަނަ ހަމަލާއެއް ދިނުމަށްޓަކައި، ކުރިއަށްވުރެވެސް ބާރަށް ޝައްޔާންގެ އަތް އުފުލާލި އެވެ.
ނަމަވެސް މިފަހަރު އެ އަތް، ވައިގެ ތެރޭގައި ހުއްޓުވާލީ ރާފީ އެވެ.
"ޑޯންޓް'..!!! ކަލޭ ހީކުރީ ކަލޭގެ ހިތުގައި އެކަނި ކަމަށްތަ ލޭ ދައުރުވަނީ؟ ކަލޭގެ ސަބަބުން އަހަރެން ދޮންތަ ރެއާއި ދުވާލު އަޅަމުންދާ ކަރުނަ، އަހަރެންގެ މި ހިތް ޒަހަމްކުރާ އަދަދު ކަލެއަށް އަންދާޒާ ކުރެވޭތަ؟ އަހަރެންގެ ދޮންތައެކޭ، ފުރާނަ ނެތް މަސް ގަނޑެކޭ އެއްފަދަ..! އެ އަނިޔާ ދިނީ ކާކުކަން ކަލެއަށް އިނގޭތަ؟ ނިމުމެއް ނެތް އެ އަނިޔާގެ މުއްދަތު ކަލެއަށް އަންދާޒާ ކުރެވޭތަ..؟ އަހަރެންގެ ދޮންތަ މި ދުނިޔެއާއި ކުރިމަތިލި ހާލު ކަލެއަށް އިހްސާސް ކުރެވޭތަ..؟ ނުކުރެވޭނެ! އެއީ ކަލޭގެ ހިތެއް ނެތީމައި..! ތިހެން ފުށްޕާފައި އަޔަކަސް މަށެށް ބިރެއް ނުގަންނާނެ..!" ޝައްޔާންގެ އަތް ހޫރުވާލަމުން ރާފީ ވާހަކަ ދެއްކީ ދަތްކުނޑި ވިކާފަ އެވެ.
"އޯހ... އެހެންވީމަ، ކަލޭގެ ދޮންތައަށް ބަދަލު ހިފައިދިނުމަށް ކަލޭ ތި ބޭނުން ކުރީ، އަހަރެންގެ ކޮއްކޮ ފަލަކު؟ ކަލޭގެ ފިރިހެން ވަންތަކަމަށް ދުނިޔެ މަލާމާތްކުރާނެތީތަ އަހަރެންނާއި ކުރިމަތިލާން ނުކެރުނީ..؟ ފިނޑިއެއް ފަދައިން ފިލައިގެން، އޮޅުވާލައިގެން އަހަރެންގެ ކޮއްކޮ ވާވައްދާލީ، ކަލޭގެ ކުޅަދާނަކަން މަށަށް ދައްކާލަން..؟ ވައޮ..!" މަލާމާތުގެ ހުނުމަކާއެކު ޝައްޔާން އަތްތިލަބަޑިޖަހަން ފެށި އެވެ.
ފަހަތަށް ޖެހުމުގެ ބަދަލުގައި ރާފީ ހުއްޓުނީ ޝައްޔާންގެ ކުރިމަތީގަ އެވެ. ދެމީހުންގެ ނޭވާގެ ހޫނު އިހްސާސްވާ ހިސާބުގަ އެވެ.
"އަހަރެން ބޭނުންވީ، ފާއިތުވެދިޔަ ހަތް އަހަރު އަހަރެންގެ މިހިތުގައި އެޅި ވޭން، އެންމެ ފަހަރަކުވިޔަސް ކަލޭވެސް އިހްސާސްކޮށްލަން.. ފިރިހެނަކަށްވެ ހުރެ، އެއްބަނޑު އެއްބަފާގައި ހުރި އެންމެ އަންހެން ކުއްޖަކު، ނުބައި ޖައްބާރެއްގެ ވަކިތަކުން މިންޖު ނުކުރެވުނީމައި ހިތަށް ކުރެވޭ އަސަރު މިއަދު އަންދާޒާ ކުރެވިއްޖެތަ؟" ދެ ލޯ ރަތްވެ ހުރެ ރާފީ ބުނެލީ އަސަރާއެކު އެވެ. ހަމަ އެވަގުތު އެ ކެބިންގެ ދޮރު، ބާރަށް ހުޅުވިއްޖެ އެވެ.
އެތެރެއަށް ދެމިގަތީ ފުލުހުންގެ ތިން އޮފިސަރުންނެވެ.
"އެރެސްޓް ހިމް!" ޝައްޔާންގެ އަޑު މުޅި ތަނުގައި ގުގުމާލި އެވެ.
"އަހަރެންގެ ކުށަކީ ކޮބާ؟ ކަލޭގެ ކޮއްކޮ ދެކެ ލޯބި ވުމަކީ، މި ގައުމުގެ ގާނޫނުގައި ހިމަނާފައި އޮތް ކުށެށްތަ؟" އެއްމިޔަކަނުން ހިނިއައިސްފައި ރާފީ ބުނެލި އެވެ.
ދަތްކުނޑިވިކާފައި ރާފީއާއި ޝައްޔާން ކުރިމަތިލި އެވެ.
"ނޫނޭ! އަހަރެންގެ ކޮއްކޮދެކެ ލޯބިވުމަކީ، މިގައުމުގެ ގާނޫނުގައި އޮތް އަދަބެއް ނޫން.. އެކަމަކު ދިރިހުރި އިންސާނަކު، އަމިއްލައަށް ސުއިސައިޑް ކުރުމަށް މަޖުބޫރު ކުރުމަކީ، މި ގައުމުގެ ގާނޫނުގައި ހަރުކަށި އަދަބު ކަނޑައެޅިފައި އޮތް ބޮޑު ކުށެށް..!" ޝައްޔާންގެ ޖުމުލައިގައި ވަނީ ނަފްރަތެވެ.
ބަދަލުހިފުމާއި ގަދަ ނުފޫޒުގެ ނުރައްކާ، އޭނާގެ ލޮލުން ރާފީއަށް ފެނުނެވެ.
އެ ޖުމުލައާއެކު ރާފީގެ މޫނުމަތީން މަލާމާތުގެ އަސަރު ފަނޑުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ. މޫނުމަތި މިލައި، އެތަށް ސުވާލެއް އޭނާގެ ނިއްކުރިއަށް ބޮނޑިވިކަން ޔަގީނެވެ.
"ވަޓް؟ ނޫން، ތިފަދަ އެއްވެސް ކަމެއް އަހަރެން ނުކުރަން.. އަހަރެން ފަލަކް ދޫކޮށްލީ ތިފަދަ މަގުސަދެއްގައި ނޫން.. ދޫކޮށްލި ސަބަބުވެސް ފަލަކްއަށް އިނގޭނެ.." ދެފަރާތަށް ބޯ ހޫރުވާލާފައި ރާފީ ބުނެލި ޖުމުލަ ނިމުނު އިރު އޭނާގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ.
"މާ ލަސްވެއްޖެ!" ފޫހިކަމާއެކު ބުނެލަމުން، ރާފީއަށް ޝައްޔާން ފުރަގަސްދިނެވެ.
ގާތުގައި ތިބި ފުލުންގެ ބާރުގެ ދަށަށް ރާފީ ގެނެސް، ބިޑި އެޅުވުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
"ވެއިޓް..! ފަލަކްއަށް ކިހިނެއްވީ؟ ފަލަކްއަށް ވީ ގޮތެއް ބުނެދީ!" ހާސްކަމުން ފުރިގެންވީ ސުވާލުތަކެއް ރާފީ ދިޔައީ ހަރުއަޑުން ތަކުރާރު ކުރަމުންނެވެ. ނަމަވެސް ޝައްޔާން އޭނާއާއި ދިމާއަށް ބަލައިވެސް ނުލި އެވެ.
ރާފީގެ އަޑު ކެނޑުމުން، ކެބިން ތެރެއިން ޝައްޔާން ނިކުމެގެން ދިޔައީ ބަރު ސިކުނޑިއަކާއި، ޒަހަމްވެފައިވާ ހިތަކާއެކު އެވެ.
..................
ކެކެމުންދިޔަ ސޯސްޕޭންގައި ހުރި ސައި، ފުރޭންޏަށް އޮއްސައިލީ ފަރިތަކަމާއެކު އެވެ. ހޭވިފައިވާ އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވައިލަމުން، ސައިޖޯޑްގައި އަމާރާ ހިފި ވަގުތު އޭނާގެ ފޯނު ރިންގުވާން ފަށައިފި އެވެ. ކައުންޓަރު މަތީގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލި އެވެ. ދެބުމަ ގޮށްޖަހައިލާފައި ދެވަނަ ފަހަރުވެސް ބަލައިލެވުނެވެ. އެއީ އަމާރާ ދަންނަ ނަންބަރެއް ނޫނެވެ. ސައިޖޯޑުގެ އުޅައްގަނޑުގެ ތެރެއަށް އިނގިލި ވައްދާލާފައި ރަގަޅަށް ޖޯޑުގައި ހިފަހައްޓާލީ، ޖޯޑުގެ ހޫނުކަމުން އަތް ފިހިދާނެ ތީ އެވެ.
"ހެލޯ" ފޯނު ނެގުމާއެކު ލަސްތަކެއްނުވެ އަމާރާ ވާހަދެއްކި އެވެ.
"ވަޓް ހެޕަންޑް؟" ދެ ބުމަ ގޮއްޖަހާލާފައި އަމާރާއަށް ސުވާލުކުރެވުނީ ތަންކޮޅެއް ބާރަށެވެ.
"ވަޓް؟؟" އަތުގައި ހުރި ހޫނު ސައިތަށި އޭނާގެ ފައިބުޑަށް ވެއްޓުނު އިރެއްވެސް އަމާރާއަށް ނޭގުނެވެ.
"އެރެސްޓެޑް؟ ވައި؟ ވެން؟"އަޑު ތުރުތުރު އަޅަންފެށި އެވެ. ހަތަރެސްފައި ފިނިވެއްޖެ އެވެ. މޭގައި އޮތް ހިތް ތެޅެން ފެށީ މޭ ފަޅާފައި ނިކުންނަހާ ބާރަށެވެ.
"އަމޫ، ދަރިފުޅާ ކިހިނެއްވީ؟" އަމާރާއަށް ކޯލް އައިތަނެއް ނޭގުނަސް، އެ ކޯލްގެ ސަބަބުން ދަރިފުޅަށް އައި ބަދަލު ފަރީހާއަށް އެނގުނެވެ.
"މާބޮޑުކަމެއް ނޫން މަންމާ.. ވަރަށް ކުއްލިޔަކަށް ހޮސްޕިޓަލަށް ވަންނާން ޖެހިއްޖެ.. މިއަދު ކިސްވާ ސްކޫލަށް ގެންދިއުމާއި ގެނައުމުގެ ހުރިހައި ކަމެއް މަންމަ ހަމަޖައްސާލަދެއްޗޭ.." ދަބަސް ހިފައިގެން ދުވަމުން އަމާރާ ނިކުތީ ބޭރަށެވެ.
...................
ބާރަށް ތެޅެމުންދިޔަ ހިތާއެކު ވަރުބަލިވެހުރެ އަމާރާއަށް ޕޮލިސް ސްޓޭޝަނަށް ވަދެވުނު އިރުވެސް ނޭގުނެވެ. ބަނޑުގައި އަތް އަޅާއިގެން ގުދަށް އޮތީ، އޭނާގެ ނޭވާ ހަމަޔަކަށް އަޅުވާލެވޭތޯ އެވެ. ކަންފަތުގައި ހަރުލާފައި ވަނީ، އަމާރާއަށް ގުޅި ކޮންސްޓަބަލް ދެއްކި ވާހަކަ އެވެ.
ހޯދަން ބުނެފައިވާ އޮފިސަރާއި ބައްދަލުވުމަށް ވަގުތުކޮޅެއް ނެގި އެވެ. އަމާރާގެ ނަޒަރު ހުއްޓުނީ ތަންކޮޅެއް ދުރުން ފެންނާން ހުރި 'ވަގުތީ ޖަލު'ގައި ހައްޔަރުކޮށްފައި ހުރި އޭނާގެ ކޮއްކޮއަށެވެ.
ހައްޔަރުކުރި ސަބަބާއި، އޭނާއަށް ކުރެވިފައިވާ ތުހުމަތު އޮޅުންފިލުވައި ނިމުނުއިރު އަމާރާގެ ނިއްކުރިއަށް ބަރުވެ، އަމިއްލަ ހަށިގަނޑު ނުހިފެހެއްޓޭ ވަރަށް އެނބުރުން އަރައިފި އެވެ.
ޝަކުވާ ހުށަހަޅާފައި ވަނީ، އަންހެން ކުއްޖާގެ ފަރާތުން އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ހާދިސާގެ ތަފްސީލާއި އަންހެން ކުއްޖާގެ ނަމާއި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެގެ ނަން އިވުނު ވަގުތު އަމާރާގެ ފައިދަށުން ބިންގަނޑު ދެމިގެންފި އެވެ.
ލިބުނު ހިތްދަތިކަން ބަޔާންކުރެވޭނެ ދުލެއް ނެތެވެ. އެއަޑު އިއްވާނެ މީހަކުވެސް ނެތެވެ. މާޔޫސްކަމުގައި މަލަން އަޅައި ފޮރުވޭނެ ހާލަތެއް ނެތެވެ. ޝައްޔާންގެ ފަރާތުން، ކުރާނެ އުއްމީދެއް ނެއްތާގައި، ދެވެން އޮތް ކޮންމެ ހިތްދަތިކަމެއް އަމާރާއަށް ދިނުމުގައި އޭނާ ވަނީ ޕީއެޗްޑީ ހާސިލްކޮށްފަ އެވެ.
ލޮލުގެ ފެނުން ފަނޑުވެގެން ދިޔަ ވަގުތުގައި، އޮފިސަރުގެ މޭޒުގެ އަރިމަތީގައި އަމާރާ ހިފަހަށްޓާލި އެވެ.
ކޮއްކޮއާއި ވާހަކަދައްކައިލުމުގެ އިޒްނައަށް އެދުމުން، ފަސޭހަކަމާއެކު އަމާރާއަށް އެކަމުގެ ހުއްދަ ލިބުނެވެ. ނަމަވެސް އެއީ އެންމެ ފަސް މިނެޓެވެ.
...........
"ރާފީ.." ބަލި އަޑަކުން މާޔޫސްކަމާއެކު އަމާރާ ގޮވައިލި އަޑު އިވުނީ އެކަމަށް ރާފީ ވިސްނައިގެން ހުރީތީ އެވެ.
"ދޮންތާ..؟" ދެ ލޯ ރަތްވެފައިވާ ރާފީ، އިސްޖަހައިގެން ހުރެ ދޮންތައަށް ގޮވައިލި އެވެ.
"ވެގެން މިއުޅޭ ގޮތެއް ރާފި ބުނެދީބަލަ..!" އަސަރާއެކު އަމާރާ ބުންޏެވެ.
"ﷲ ގަންދީ ބުނަން ދޮންތާ، އެ ބުނާފަދަ އެއްވެސް ކަމެއް އަހަރެން ނުކުރަން.. ވެގެން މިއުޅޭ ގޮތެއް އަހަންނަށްވެސް އަދި ނޭގެ.. ހުރިހައި ކަމެއް ވެގެން މިދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި..؟ ރާފީ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ.
"މި މައްސަލަ ފައިލްކުރީ ކާކުކަން ރާފީއަށް އިނގޭތަ؟" ރާފީގެ ލޮލަށް ބެލުން މިއަދު އަމާރާއަށް ފަސޭހައެއް ނޫނެވެ.
"ހުވާކޮށްފައި ބުނަން ދޮންތާ، މިދިޔަ މަހާއި ހަމައަށް އަހަންނަކަށް ނޭގެ އެއީ އޭނާގެ ކޮއްކޮކަމެއް..! ކުޑަކޮށް ޝައްކެއްވި ނަމަވެސް އަހަރެން އޭނާއާއި ގާތްވެސް ނުވާނަން.. ލޯބި ވެވުނީ، އެއީ ކާކުކަން ނޭނގި.. ޝައްޔާންގެ ކޮއްކޮއެއްކަން އެނގުނު ހިސާބުން އަހަރެން ކިހިނެއް، މި ހިތުގެ ލޯބި ދީގެން ފަލަކްއާއެކު އުޅޭނީ..؟ ވަރަށް ވިސްނައި ދިނިން.. ކިތަންމެ ލޯބިވިޔަސް އަހަންނަކަށް ފަލަކްއާއެކު ނޫޅެވޭނެކަމަށް ބުނެފައި ވަކިވީ..!" ހަގީގަތް ރާފީ ބުނެދިނެވެ.
"ރޭގައި އިމަރޖެންސީއެއްގެ ގޮތުގައި ފަލަކްއަށް ފަރުވާ ދިނީ ދޮންތަ.. އަހަންނަކަށް ނޭގެ އެއީ ޝައްޔާންގެ ކޮއްކޮކަމެއް.. ޝައްޔާންގެ އާއިލާގެ އެއްވެސް މީހަކާ ދުވަހަކުވެސް ބައްދަލެއް ނުވޭ.. އެމީހުންނާއި ބެހޭގޮތުން ސުވާލެއްވެސް ނުކުރަން، އެފަދަ ވާހަކައެއް ޝައްޔާންވެސް ހިއްސާއެއް ނުކުރޭ.. އޭނާގެ ގޭގައި މަންމައާއި ބައްޕަ ފިޔަވައި އެހެން އެއްވެސް މެމްބަރެއްގެ ފޮޓޯއެއް ނުހުރޭ.." ތުރުތުރު އަޅަމުންދިޔަ އަތުން އޭނާގެ ނިއްކުރީގައި ހިފަހައްޓާލި އެވެ. (ނުނިމޭ)