ސީއެންއެމްއަށް މައުލޫމާތު ދެމުން ނަރުދޫ ޓާސްކް ފޯހުން ބުނީ ކޮވިޑް-19 އަށް 11 މީހުން ޕޮޒިޓިވް ވެފައިވާއިރު އެރަށުން ޖުމްލަ 52 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 41 ސާމްޕަލް ނެގެޓިވްވެފައިވާ ކަމަށާއި އިތުރު ސާމްޕަލް ނެގުމަށް ކޮންޓެކްވި މީހުންގެ ލިސްޓެއް ހަދާފައިވާކަމަށް ވެސް ޓާސްކް ފޯހުން ބުނެ އެވެ.
އަދި މާދަމާ ވެސް އިތުރު ސާމްޕަލްތަކެއް ނަގަން ހަމަޖެހިފައިވެ އެވެ.
ނަރުދޫގައި ބައްޔަށް ޕޮޒިޓިވްވި މީހުން އިތުުރު ވަމުން އަންނައިރު އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަރަންޓީނު ކުރަމުންނެވެ. އެގޮތުން އެރަށުގައި ހުރި ހަމައެކަނި ޑޮކްޓަރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވުމާ ގުޅިގެން ކަރަންޓީނަށް ގެންގޮސްފައިވާކަމަށް ޓާސްކް ފޯހުން ބުނެ އެވެ.
އަދި އެކަމުގައި ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް ޑޮކްޓަރެއް ގެނައުމުގެ މަޝްވަރާތައް، ކަމާ ގުޅުން ހުރި ފަރާތްތަކާއެކު ކުރިއަށްދާ ކަމަށާއި ދެތިން ދުވަސް ތެރޭގައި ޑޮކްޓަރެއް ހަމަޖެހޭނެކަމުގެ އުންމީދު އެބަ އޮތް ކަމަށް ވެސް ޓާސްކް ފޯހުން ބުނެ އެވެ.
އެރަށުގައި ހިދުމަތް ދެމުން އަންނަ ޑޮކްޓަރު ކަރަންޓީނަށް ގެންގޮސްފައިވާއިރު އެރަށުގައި ތިބި ދެ ނަރުހުންވެސް ވަނީ ކަރަންޓީނުކޮށްފަ އެވެ. ނަމަވެސް ސިއްހީ މަރުކަޒުގެ ހިދުމަތް ފޯރުކޮށްދިނުމަށް ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް އިން ނަރުހެއް ގެނެސް ދަނީ ހިދުމަތް ފޯރުކޮށްދެމުނުންނެވެ.