ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ މީގެ ކުރިންވެސް އިގްތިސާދީ ވުޒާރާގެ ވަޒީރުކަން ކުރެއްވި ކަމަށާއި، ނަމަވެސް ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އަހަމީއްޔަތުކަމެއް ދެއްވައިގެން މަސައްކަތްކޮށްފައި ނުވާ ކަމަށެވެ.
ރާއްޖެއަކީ ވިޔަފާރި އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ވިޔަފާރި ކުޑަ ވިޔަސް އަދި ބޮޑުވިޔަސް، އަދި ގޭގައި ތިބެގެން ވިޔަފާރި ކުރިޔަސް މުދާ އިމްޕޯޓް ކުރަން ޖެހޭ ކަމަށާއި މުދާ ގެންނައިރު އެންމެ ބޮޑު ހުރަހެއް އަންނާނީ މާލޭގެ ވިޔަފާރި ބަނދަރުތަކުން ދިމާވާ ހުރަސްތަކުގެ ވާހަކަކަން ރައްޔިތުން ރައީސްއަށް ދަންނަވާފައިވާ ކަމަށެވެ.
އެގޮތުން މުދާ ކްލިއާކުރާ ގަޑި އިތުރުކުރުމާއި، އެތަންތަނަށް އިތުރު ރިސޯސަސް ލައިދީ، ޑެމަރޭޖާއި ގިނައިރުވާ މައްސަލަ ފަދަ ގިނަ މައްސަލަތައް ރައީސަށް ވަނީ ހުށަހަޅުއްވާފަ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާއާ ގުޅޭގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ރަނގަޅު ކުރަން ކެބިނެޓުގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރައްވައި ގިނަ ކަންތައްތަކެއް ވަނީ ނިންމައިފަ އެވެ.