މި ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލައިފައިވާނެ ކަމަށްވެސް، އެސްއެމްއީ ޑިޖިޓަލުން ބުންޏެވެ.
މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދެއެވެ.
އަދި ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެކަމަށާއި މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށް ވެސް އެސްއެމްއީ ޑިޖިޓަލްއިން ބުނެއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑުކޮށް އެ ކުންފުނީގެ ނަން އެސްއެމްއީ ޑިޖިޓަލަށް ބަދަލުކޮށް، ބީއެމްއެލްގެ ސަބްސިޑަރީއަކަށް ހެދީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.