އެޕިސޯޑް 57
ކައިވެންޏަށް ހަތް އަހަރު ފުރިގެން މާޒީ ވީ އެވެ. ޝައްޔާންގެ އެއްބަނޑު އެއްބަފާގައި ހުރި ހަމައެކަނި އަންހެން ކޮއްކޮގެ ނަން ނުވަތަ އެފަދަ ކޮއްކޮއެއް ހުންނަކަންވެސް އަމާރާއަށް އެނގިފައެއް ނެތެވެ. މައިން ބަފައިންގެ ފޮޓޯ ފެނިފައިވިޔަސް ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ. ލިސްޓް ކިޔާނެ ނަމަ، އަމާރާގެ ޝަކުވާއާއި އޭނާގެ ބަދު ނަސީބާއިމެދު އެއްހާސް ސަފްހާގެ ފޮތެއް ވެސް މަދުވާނެ އެވެ. ނަމަވެސް ބޭ އިންސާފާއި ބޭވަފާތެރިކަމާއި ހިތްދަތިކަމާއި މަކަރާއި ހީލަތަކީ، އަމާރާގެ ދިރިއުޅުމުގެ އެއް ތަނބެވެ. އެ ހަގީގަތް އަމާރާ ދޫކޮށް، ފުރަގަސް ނުދޭނެކަން، މިއަދުގެ ހާދިސާއިންވެސް އޭނާއަށް ސާބިތުވެއްޖެ އެވެ.
"ދޮންތާ، ފަލަކް ހާލު ކިހިނެއް؟" މަޑުމަޑުން ރާފީ ސުވާލު ކުރި އެވެ.
"މިވަގުތާއި ހަމައަށް ރަގަޅު.." ރާފީއަށް ބަލައިލަމުން އަމާރާ ބުންޏެވެ.
ރާފީގެ ހަރަކާތްތަކާއި އޭނާގެ މޫނާއި ލޮލަށް ފަރުވާތެރިކަމާއެކު އަމާރާ ބަލައިލި އެވެ.
"ހަގީގަތުގައިވެސް ފަލަކް ދެކެ، ރާފީ ލޯބިވޭތަ؟" ސީރިއަސްކަން ނޫނީ އަމާރާގެ ސުވާލުގައި ނުވެ އެވެ.
"ދޮންތާ...."
"އަހަރެންނާއި ޝައްޔާންއާއި ދޭތެރޭގައި ހިނގާފައިވާ އެއްވެސް ކަމަކާއިމެދު ރާފީ ވިސްނާކަށް ނުޖެހޭނެ.. އަހަރުމެން ދެމީހުން ދެމެދު ކަންކަން ވެގެން ހިނގައިދާނެ ގޮތަކާއިމެދުވެސް ރާފީ ނުވިސްނާތި..! ތި ދެ މީހުން ހަގީގީ ލޯބިވަންޏާއި، އަހަރުމެން ދެމީހުންގެ ސަބަބުން އެކަން ނިމިގެން ދިއުމުގެ ފުރުސަތު ނުދޭތި..! ވިސްނަންވީ ރާފީއާއި ފަލަކްގެ މުސްތަގްބަލަށް.. ތިޔަ ގުޅުމުގެ ހަގީގަތް ދޮންތަ ގާތުގައި ބުނޭ..!" އަޑަށް ބާރުލާފައި ނަމަވެސް މަޑުން އަމާރާ ވާހަކަދެއްކީ ކަމުގެ ސީރިއަސްކަން އޭނާއަށް ވިސްނޭތީ އެވެ.
ހުއްޓުމެއް ނެތި ރާފީގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ އަމާރާއަށް ފެނެ އެވެ. ނަމަވެސް މިއީ ކަރުނައިގެ ސަބަބުން ބަލިކަށި ވާންޖެހޭ ވަގުތެއް ނޫންކަމާއި ހަގީގަތާއި ކުރިމަތި ލާން ޖެހިއްޖެކަން އޭނާ ގަބޫލުކުރި އެވެ.
"މި ތޭރިތަކުގެ ތެރެއިން ދޮންތަ، ރާފީ މިންޖުކުރާނަން.. އެކަމަކު ތެރުވެރިކަމާއެކު ހަގީގަތް ދޮންތަށް ކިޔައިދޭން ޖެހޭނެ.. މިއީ ރާފީގެ އަމިއްލަ ނަފުސަށްވެސް ތެދުވެރި ވާންވީ ވަގުތު..!" ތޭރިތަކުގެ ތެރެއިން ރާފީގެ އަތުގައި ހިފާފައި އޯގާތެރިކަމާއެކު އެ ދެއަތުގައި އަމާރާ ފިރުމާލި އެވެ.
.............
ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އަމާރާ އައީ ބާރު ހިނގުމުގަ އެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އެންމެ މޫނެކެވެ. އެންމެ ނަމެކެވެ. ޝައްޔާން އެވެ.
އަމާރާގެ މަންޒިލަކީ ފަލަކް ބާއްވާފައި އޮތް ޕްރައިވެޓް އައިސީޔޫ ކޮޓަރި އެވެ.
ކިތަންމެ ބާރު ހިނގުމުގައި އަޔަސް، ޕްރައިވެޓް އައިސީޔޫގެ ދޮރުމަތީގައި ނަރުހަކާއި ވާހަކަދައްކާން ހުރި ޝައްޔާން ފެނުމުން އަމާރާގެ ދެފައިގައި ތަޅު އެޅުވިއްޖެ އެވެ.
އާންމުކޮށް ލައިގެން އުޅޭ ހޫޑީއާއި ކަޅު ތޮފި އަދި ކަޅު އަވިއައިނަށް މިއަދުވެސް އަމާރާ ފަރިތަ އެވެ. އެ ސަރަހައްދަށް ވަނުމުގެ ހުއްދަ އާންމުންނަށް ނޯންނާތީ ޝައްޔާންގެ ސޫރަ ފޮރުވުމުގެ ބޭނުމެއް ނެތެވެ. ކިތަންމެ ފޮރުވިގެން ހުއްޓަސް، ފެންނަ ކޮންމެ ހިތެއް ޒަހަމްކޮށްލުމުގެ ބާރު މިއަދުވެސް އެ ހަށިގަނޑުގައި އެބަހުއްޓެވެ. އަހަރުތަކެއް މާޒީ ވިޔަސް، އެ ހަނދާންތައް މިއަދުވެސް ތާޒާ އެވެ.
ހަމަ އެ ރިހުމެވެ. އެ ކަރުނަ އެވެ. ރަހުމެއް ނެތް އެ ތުހުމަތުތަކާއި، ހިތް ދަތި އެ މާޒީގެ ވިހަގަދަ ހަންދާންތަކެވެ.
ދެތިން ފޫޓު ދުރުގައި އަމާރާ ހުއްޓި ހުރީ، އެތަނުން ނަރުސް ދާނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.
އެއްލި ކަޅިޔަކުން، ޝައްޔާންގެ ދެ ލޯ އަމާޒުވީ އޭނާގެ މާޒީއާ އެވެ. ހުރި ފިޔަވަޅު މަތީގައި އޭނާވެސް ގަނޑުވެއްޖެ އެވެ.
"ކޭން ވީ ޓޯކް؟" ނުރައްކާ ބުނެލުމެކެވެ. ނަމަވެސް އަޑުގައި ވަނީ ހިމޭންކަމެވެ.
އެ ސުވާލުގެ ޖަވާބު ބޮލުގެ އިޝާރާތުން ދިނުމަށްވެސް ޝައްޔާންއަށް ވަގުތު ބޭނުންވި އެވެ. މަޑުމަޑުން ބޮލުން އިޝާރާތްކުރީ އެކަމުގެ އިޒުނަ އޮތްކަމަށެވެ.
"ވެއިޓިންގ ރޫމްގައި އެބަހުރިން.." ޝައްޔާންގެ އިޝާރާތަކަށް މަޑުކުރުމެއް ނެތި އަމާރާ މިސްރާބުޖެހީ ވެއިޓިންގ ރޫމަށެވެ.
...............
ހިތްގައިމު ބޮޑު ކޮޓަރީގެ ކުޑަދޮރުތަކުގެ ތެރެއިން އެންމެ ރީތިކޮށް ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރުގެ ކައިރީގައި އަމާރާ ހުއްޓެވެ. މޭދަށުގައި ދެ އަތް ހުރަސްކޮށްލާފައިވެ އެވެ.
"އަހަރެންގެ ކޮއްކޮއާއި ދެ ކޮޅަށް މައްސަލަ ފައިލްކޮށް އޭނާ ހައްޔަރު ކުރުވީ ޝައްޔާން ތަ؟" އަމާރާގެ އެސްފިޔައެއްވެސް ތެޅި ނުލަ އެވެ. ހިމޭންކަމާއެކު ސުވާލުކުރި އެވެ.
"ޔެސް.."ވިސްނާލުމެއްވެސް ނެތި ޝައްޔާން ޖަވާބު ދިނެވެ.
"އަހަރެންގެ ކޮއްކޮގެ ހިތް ހަލާކުކޮށް، އަމިއްލައަށް ފުރާނަ ދުއްވާލުމަށް މަޖުބޫރުކުރި މީހަކީ އެއީ" ނުރުހުމާއެކު ޝައްޔާން ބުނެލި އެވެ.
"ތިޔަ ރުޅިއާއި ނަފްރަތު އަހަންނަށް ވިސްނޭ..! ޝައްޔާން، ކޮންމެ ފައިސާ ފޮއްޗެއްގައި ދެ ފުށް އޮންނަކަމާއިމެދު ވިސްނާލިންތަ؟ އިވިފައި އޮތް ވާހަކަތަކަށްވުރެން ބޮޑު ހަގީގަތެއް އެކަމުގައި އޮވެދާނެކަމާމެދު ވިސްނާލިންތަ؟" މިފަހަރުވެސް އަމާރާ ވާހަކަ ދެއްކީ ހިމޭންކަމާއެކު އެވެ.
"ޝީން، ހުރިހައި ވާހަކައެއް ކިޔައިދިނީ ޝީން، ފަލަކް ދޫކޮށްލާފައި ގޮސް އޭނާ ފިލީ..!" ޝައްޔާންގެ އަޑު ގަދަވި އެވެ.
"އޭނާގެ ހަވާ ނަފުސުގެ އެދުންވެރިކަން ފުއްދުމަށްޓަކައި އަހަރެންގެ ކޮއްކޮގެ ބޭނުންކޮއްފައި އެއްލާލީ..! އެ ވަރު ދަށު ދަރަޖައިގެ މީހަކަށް އަހަރެން ދުވަހަކުވެސް މައާފެއް ނުކުރާނަން.." ދަތްކުނޑިވިކާފައި ޝައްޔާން ބުނެލި އެވެ.
"ފަލަކް އަކީ ޝައްޔާންގެ ކޮއްކޮއެއްކަމެއް ކުރީން، ރާފީ އަކަށް ނޭގެ.." ބޭރަށް ބަލަން ހުރެފައި ޝައްޔާން އާއި ކުރިމަތިވާގޮތަށް އަމާރާ އެނބުރުނެވެ.
"އެކަން އެނގުނުއިރު މާ ލަސްވެއްޖެ.. ހީކުރަނީތަ، އަހަރެންގެ ކޮއްކޮއަށް ދަސްކޮށްދީފައި ހުރި އުޅުމާއި އަދަބު އަހްލާގަކީ، ބާޒާރުމަތީ އުސޫލުތަކެއް ކަމަށް..؟ އަހަރެންގެ ކޮއްކޮ ބޮޑުކޮށްފައި ހުންނާނީ އަހަރެންގެ އިލްމާއި އަހްލާގުގެ ފިލާވަޅުތަކުން އިބްރަތް ދަސްކޮށްގެން.. ހަމައެކަނި ޝައްޔާންގެ ކޮއްކޮއެއް ނޫން، ދުނިޔޭގެ އެހެން ކޮންމެ ތަނެއްގެ ކޮންމެ ފެންވަރެއްގެ އަންހެން ކުއްޖަކަށް ވިޔަސް ރާފި އިހްތިރާމް ކުރާނެ..! އެއަށްވުރެން މާތް އަހްލާގު ހުންނާނީ ދަސްކޮށްދީފައި..! ޒިންމާ ނަގާނީ ކެރިގެން..!" ހަރުކަށިކަމާއެކު އަމާރާ ބުނެލި އެވެ.
ނަމަވެސް މިފަހަރުވެސް އަޑުގައިވަނީ ހިމޭންކަމެވެ.
އަމާރާގެ ޖުމުލަތަކަށްފަހު، ޝައްޔާންގެ މޫނު އަނބުރާލި އެވެ.
"ފަލަކްއަށް ފަރުވާދިނީ އަހަރެން.." ހިމޭންކަމާއެކު އަމާރާ ބުންޏެވެ.
"ޒަހަމް، އެންމެ ރަގަޅަށް ފެންނާނެ މީހަކީ އަހަރެން.. އަހަރެންގެ ހިތަށްވެސް ފަސޭހަ އެއްނޫން.. އެކަމަކު އެއީ ގަސްތުގައި ރާފީ ކުރިކަމެއް ނޫން.. އެފަދަ ކަމަކަށް ފަލަކް ހުށަހެޅުމަކީ ރާފީގެ މަގްސަދެއްވެސް ނޫން.. ވެގެން މިއުޅޭ ގޮތެއް ރާފީއަކަށްވެސް ނޭގެ.. ފަލަކްއާއި ރާފީ ވެސް މިވަގުތު ކުރަމުން އެ ދަނީ އެއް ހިތާމައެއް.. ދެމީހުންގެ ހިތުގައި އަރަމުން އެދަނީ އެއް އަލިފާނެއްގެ ދުން.." އަމާރާގެ ކޮންމެ ޖުމުލައެއްގައި ވަނީ ކެތްތެރިކަމާއި ހިމޭންކަމެވެ.
މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އެކަކު އަނެކަކަށް ފުރަގަސް ދީފައި ވިޔަސް، ތެޅެމުން ދިޔަ ހިތުގެ އަޑު މިއަދުވެސް ސިއްރެއް ނުވި އެވެ.
"އެމީހުން، އެކަކު އަނެކަކު ދެކެ ލޯބި ވޭތަ..؟" އުނދަގުލުން ނަމަވެސް ޝައްޔާން ސުވާލު ކުރި އެވެ.
"ހޫމްމް.!" ޖެހިލުމެއް ނެތި ވަގުތުން އަމާރާ ބުންޏެވެ.
"އަހަރުމެންގެ ދެ ކޮއްކޮ ތަހަންމަލް ކުރަމުން އެދަނީ، އެމީހުންނާއި ގުޅުމެއްވެސް ނެތް ރިހުމެއްގެ ވޭން.. އެމީހުންނަށް އެކަމެއްގެ ހަބަރެއްވެސް ނޭގެ ހަނގުރާމައެއްގެ ހަލަބޮލިކަމުގައި، ވީރާނާ ވަމުން އެދަނީ އަހަރުމެންގެ އެއްބަނޑު ދެ ދަރީންގެ ދިރިއުޅުން.. މިއީ އަހަރުމެން ފެށި ހަނގުރާމައެއް.. ހިތްދަތިކަން ލިބެމުން އެދަނީ މައުސޫމް ދެ ހިތަށް.." އަމާރާ ހިތްވަރު ކުރަމުން ދިޔައީ ޝައްޔާންއަށް ވިސްނޭތޯ އެވެ.
އެއްވެސް އެއްޗެއް ނުބުނެ މިފަހަރުވެސް ޝައްޔާން އިހްތިޔާރުކުރީ ހިމޭންކަމެވެ.
އަމާރާގެ ދެ ލޮލުން އާމި ނިކުންނަހެން ހީވުމުން ތަންކޮޅެއް އަވަސް އަވަހަށް އެސްފިޔަތަށް ތަޅުވާލި އެވެ. މާ ގިނައިރު އެތަނުގައި އޭނާއަށް ކެތް ނުވާނެކަން އަމާރާއަށް ޔަގީނެވެ.
"އަހަރެންގެ ފޯނު ނަންބަރު ބަދަލެއް ނުކުރަން.. އެކަމަކު އަހަރެންގެ ކޮއްކޮ ޖަލަށްލައި ހައްޔަރުކުރީ، އެންމެ ކޯލެއްވެސް ނުވަތަ އެންމެ މެސެޖެއްވެސް އަހަންނަށް ކޮށްނުލައި.. ޝައްޔާން، އަހަރުމެން ދެމީހުން ދޭތެރޭގައި ކޮންމެ ކަމެއް އޮތަސް، ކިތަންމެ ގޯސް ހާލަތެއް އޮތަސް، އެވަރުގެ ހިތްދަތިކަމެއް އަހަރެންގެ އާއިލާއަށް ޝައްޔާން ދީފާނެކަމަށް، ދުވަހަކުވެސް ހިޔެއް ނުކުރަން ..!" އަމާރާ އެބުނި އެއްޗެއްގެ ބުރަދަން އޭނާގެ ނަފުސަށް ހަޖަމު ނުކުރެވުނުކަން އެނގުނީ އަޑު ކުރެހި، ޖުމުލައިގެ ބައެއް ތަންކޮޅުކޮޅު ގަދަކަމުން ބުނެލި އަޑު އިވުނީތީ އެވެ. (ނުނިމޭ)