ޒަކާތުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ށ) ގެ 8 ވަނަ ނަންބަރުގެ ދަށުން، ހުޅުވާލާފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ދެ މެންބަރުން އެ ކައުންސިލަށް އައްޔަންކުރެއްވުމަށެވެ.
މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެެ އެވެ.
ޒަކާތުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސް ކުރުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޒަކާތު ގާނޫނުގައިވާ ގޮތުން ޒަކާތު ކައުންސިލް އެކުލެވެނީ 9 މެންބަރުންގެ މައްޗަށެވެ.
ސަރުކާރުން ބުނެފައިވަނީ ޒަކާތުގެ ގާނޫނުގެ މަގުސަދަކީ އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ، ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުން ކަމަށެވެ.
ޒަކާތާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޒަކާތުގެ ފައިސާ ހައްގުވެރިންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.