ads
ނޭނގި ހިތް ގެއްލުނީ - 58 ވަނަ ބައި
އެޕިސޯޑް 58
Advertisement

އަމާރާ އެބުނި އެއްޗެއްގެ ބުރަދަން އޭނާގެ ނަފުސަށް ހަޖަމު ނުކުރެވުނުކަން އެނގުނީ އަޑު ކުރެހި، ޖުމުލައިގެ ބައެއް ތަންކޮޅުކޮޅު ގަދަކަމުން ބުނެލި އަޑު އިވުނީތީ އެވެ.

ހިތަކަށް ކޮއްފައިވާ އަސަރުތަށް ދެނެގަތުމަށް، ކޮންމެ ފަހަރަކު ހޮސްޕިޓަލުން އަގުބޮޑު ޓެސްޓެއް ހެދުން ލާޒިމެއް ނޫނެވެ. އިހްސާސާއި ޖަޒްބާތަކީ މިފަދަ ވަގުތެއްގައި އެންމެ ބާރުގަދަ ހެއްކެވެ. 

ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، އަމާރާއާއި ދިމާއަށް ޝައްޔާން އެނބުރުނެވެ. 

"އަހަރެންގެ ކޮއްކޮއަށް، އަމާރާގެ ކޮއްކޮ ހަދައިލި ގޮތާއިމެދު ބުނާނެ އެއްޗެއް ނެތް ތަ؟" ނުރުހުމާއެކު ޝައްޔާން ސުވާލުކުރި އެވެ.

"ފަލަކް، އެފަދަ ކަމެއް ކުރަންޖެހޭނެ ފަދަ ކަމެއް ރާފީ ނުކުރޭ.. އެފަދަ އެއްޗެއްވެސް ރާފީ ނުބުނޭ.. އެ ދެމެދުގެ  ހަގީގަތް ދެނެގަނެވޭ ވަރަށް ވުރެން، އަހަރެންނަށްޓަކައި ޝައްޔާންގެ ހިތުގައި އޮތް ނަފްރަތާއި ނުރުހުން، މާ ބާރުގަދަ..!" އަޑު ތުރުތުރު އަޅަމުންދިޔަ އިރު އަމާރާގެ ދެ ލޯ ކަރުނުން ފުރިއްޖެ އެވެ.

"މިދަނީ އަހަރެންގެ ކޮއްކޮ ޖަލުގެ ތޭރިތަކުން މިނިވަން ކުރަން..! އިން ޝާ ﷲ ތެދުބަހުން ކަންކަން އޮޅުންފިލުވުމަށް ދެމީހުންނަށް އަހަރެން ފުރުސަތު ދޭނަން.. ހިނގައިގެން މިއުޅެނީ އަހަރެންގެ ނުވަތަ ޝައްޔާންގެ ދިރިއުޅުމާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން.. އެއީ ހަމައެކަނި އެ ދެ މީހުންގެ ދިރިއުޅުން..!" އަމާރާ މިސްރާބު ޖެހީ ކޮޓަރީން ނިކުންނާށެވެ. ނަމަވެސް ދޮރާއި ހަމައަށް ގޮސްފައި އޭނާ ހުއްޓުނެވެ.

"މަސައްކަތް ތިކުރަނީ، އަހަރެންގެ ހިތް ފުނޑުފުނޑުކޮށް، މި ދިރިއުޅުން އަންދާ، އަޅިއަށް ހަދާލަން ތަ؟ މިފަހަރު އަމާޒުފަތްގަނޑަކަށް ތި ހެދީ، އެކަމެއްގެ ސަބަބުން އަހަރެންގެ މުޅި ނަފުސު ބަލިކަށިވެ، މައިބަދައިގެ އެހީގައި ކޮޅަށް ނުހުރެވޭނެ ވަރުގެ ކަމެއް..؟ ބުނަން ޝައްޔާން، އަހަރެންގެ އާއިލާގެ ދިފާއުގައި އަހަރެން ކޮއްފާނެ ކަންކަން، އެހެން އިންސާނަކަށް އަންދާޒާވެސް ނުކުރެވޭނެ.. އެފަދަ ކައަމާޒުކުރުން ހުއްޓާލާ..!" ކަރުނައިގެ ތެރެއިން އަމާރާ ބުނެލި އެވެ.

ޝައްޔާންގެ މޫނަށް ބަލައިލާފައި އަމާރާ ނިކުމެގެން ދިޔަ މަންޒަރު ބަލަން ހުރީ ހުއްޓުން އަރާފަ އެވެ.

މާޒީ އެވެ. އަހަރުތަކެއް ފާއިތުވެގެން ދިޔައީ އެވެ. އެއީ ނިމުމެއް ނެތް ރިހުމުގެ ދިގު ހަތް އަހަރު ނުވަތަ އަށް އަހަރެވެ. ހިތުގައި ޖަހައިލި ވިންދަށް މިއަދުވެސް ތަސައްލީއެއް ނެތެވެ.

ތަފާތަކީ އަމާރާއަށެވެ. ބަދަލު އައިސްފައި ވަނީ އަމާރާ އަށެވެ. އެއީ ކުރީގެ އަމާރާއެއް ނޫނެވެ. އެއީ ކުދިކުދި ކަންކަމުގައި ސަބަބެއް ނެތި ހިނިތުންވި އަމާރާއެއް ނޫނެވެ. ޝައްޔާންގެ ކުރިމަތީން ގެއްލިގެން އެ ދިޔައީ ބާރުގަދަ ތޫފާނުތަކުގައި ގުޑުވައި ނުލެވޭނެ ވަރުގަދަ ބިނާއެއްފަދަ މައި ތަނބެކެވެ. 

ލޮލުގައި ވަނީ ގަދަ އަޒުމެވެ. މޫނުމަތީގައި ވަނީ ގަދަ ހިތްވަރާއި ކެރުމެވެ. ހިތާއި ހަށިގަނޑުގައި ވަނީ ހިމޭންކަމާއި ކެރުމެވެ. ކޮންމެ ހަރަކާތެއްގައި ވަނީ ޖެހިލުންކުޑަކަމެވެ. ކޮންމެ ބަލައިލުމެއްގައި ވަނީ އަލިފާން ފަދަ، ނުރައްކާ އިންޒާރެވެ. އެދެމެދުގައި ބަދަލު ނުވީ އެންމެ ކަމެކެވެ. 

މިއަދުވެސް ޝައްޔާންގެ ހިތް، ދަގައްފާނުގެ ބާރުގައި އަމާރާއަށްޓަކައި ވިންދުޖަހާތީ އެވެ.

ދޮރު ހުޅުވާލާފައި ޝައްޔާން ބޭރަށް ބޯދިއްކޮށްލީ، ފަހަތުންވިޔަސް އަމާރާ ދެކިލުމަށެވެ.

ލައިގެން ހުރި ހުދު ކުރުތާގެ ސަބަބުން އަމާރާގެ ހަށިގަނޑުގެ ބައްޓަން ނޭގުނަސް، އެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ޝައްޔާންގެ ލޮލުގެ ލެންސުން ސްކޭން ކޮށްލި އެވެ. އޭނާގެ ދިގު އިސްތަށިގަނޑު ކަނދުރާއާއި ހަމައަށް ކޮށާލާފައި ވުމުން، ޝައްޔާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފަށުވި އިސްތަށިގަނޑު ކުރުކޮށްލާފައި ވިޔަސް، ހިތްގައިމުކަމަށް ޒައްރެއްގެ މިންވަރުގެ އުނިކަމެއްވެސް ލިބިފައެއް ނެތެވެ. 

ދާދި ގާތުން، މީހެއްގެ އިޝާރާތެއް ވީހެން ހީވުމުން ޝައްޔާންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. ދެވަނަ ފަހަރު ބަލައިލިއިރު އަމާރާ އޭނާގެ ލޮލުކޮޅަށް ފެންނާންވެސް ނެތެވެ.

ފުން ނޭވާއެއް ލާފައި ޝައްޔާންގެ ހިތުގައި ބިންވަޅުނެގީ އެންމެ އަޒުމެކެވެ. ފަލަކްގެ ހާލަތު ރަގަޅުވެ، އޭނާގެ ދުލުން ކަމުގެ ހަގީގަތް ޝައްޔާންއަށް ބުނެ ނުދެނީސް، ޖަލުގެ ތޭރިތަކުގެ ތެރެއިން މިންޖުވެވުމެއް ރާފީއަކަށް ނެތެވެ.

އަތުގެ މޮއްކޮޅު ރަތްވެގެން ދާވަރަށް، އޭނާގެ ދެ އަތް މުށްކަވައިލި އެވެ.

...............

ފަލަކްގެ ހާލަތާއި އޭނާގެ 'މެޑިކަލް ކޮންޑިޝަން'ގެ ހުރިހައި ތަފްސީލެއް އަމާރާ އޮޅުންފިލުވި އެވެ. ހޮސްޕިޓަލުގެ ގާނޫނީ ޓީމާއި ބައްދަލުކޮށް މަޝްވަރާ ކުރި އެވެ. ކަން ހިނގާ ދިޔަ ގޮތާއި، މައްސަލައިގެ ހުރިހައި ތަފްސީލާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަން ކުރެވެން އޮތް ގޮތް އަމާރާ ބެލި އެވެ. މި ހާލަތުގައި އޮތް އެންމެ ރަގަޅު ގޮތް އޭނާ ދިރާސާ ކުރި އެވެ.  އަމާރާއަކީ ނުވެގެން ހުއްޓާލާނެ ނުވަތަ ބިރަކަށް ފުރަގަސް ދޭނެ އަންހެނެއް ނޫނެވެ. އެތަށް ބަޔަކަށް މިއަދު އެކަން ސާބިތުވާނެ އެވެ.

................

ބެއިލްގެ ދަށުން މިނިވަންކުރުމުގެ މަރުހަލާގެ އެންމެ ފަހު ސަފްހާގައި އަމާރާ ސޮއިކޮށް ނިންމާލި އެވެ.

ކިތަންމެ ތައުރީފެއް، އެތަށް އޮފިސަރުންގެ ދުލުން އަޑު އިވުނަސް މިއަދު އަމާރާއަށް ލިބުނު އުފަލެއް ނެތެވެ. އޭނާގެ ކޮއްކޮގެ ކުށެށް ނެތި ޖަލުގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުކޮށްފި އެވެ. އެ މަންޒަރުތަކާއި އެ ހިތި ހަނދާން އޭނާގެ ބަލިކަށި ހިތުގައި ބިންވަޅު ނެގިއްޖެ އެވެ. އެދުވަހުވެސް އަމާރާގެ ހިތް ފުނޑުފުނޑުކޮށް، ދުނިޔެއަށް ބޭޒާރުކުރީ ޝައްޔާން އެވެ. މިއަދުގެ ލަދުވެތިކަމާއި ހިތްދަތިކަމުގެ އަސްލަކީވެސް ޝައްޔާން އެވެ. 

"ގާނޫނީ ޓީމާއެކު ހޫނު ބަހުސްތަކެއް ކުރެވި، އުނދަގޫ މަސައްކަތަކަށްފަހު ރާފީ ތިހުރީ ޖަލުން މިނިވަންކޮށްފައި.. އެކަމަކު މި މައްސަލަ މިހިސާބުން ނިމުނީކަމަށް ރާފީ ހިތަށްވެސް ނާރުވާތި.." ހިމޭންކަމާއެކު އަމާރާ ބުނެލި އެވެ.

"ދޮންތާ.." މަޑުމަޑުން ރާފީ ގޮވައިލި އެވެ. އެ ގޮވައިލުމުގެ މާނަ އަމާރާއަށް އޮޅިފައެއް ނެތެވެ. ނޭވާ ހިފަހައްޓާލާފައި ރާފީއާއި ދިމާއަށް އަމާރާ އެނބުރުނެވެ.

"މި ވާހަކަ މަންމަ ގާތުގައި ބުނަންވާނެ ނުން.؟!." އިސްޖަހައިލަމުން ރާފީ ބުނެލީ ވަރަށް މަޑުންނެވެ.

"ނޫން.. ނޫން.. ހިތަށްވެސް ނާރުވާތި! މިކަމުގައި ފަލަކް ގޮތެއް ނިންމުމުގެ ކުރީން އެއްވެސް ވާހަކައެއް މަންމަ ގާތުގައި ބުނެގެން ނުވާނެ... ހިނގާ މިދިޔަ އެއްވެސް ކަމެއްގެ ވާހަކަ މަންމައަށް އެނގިގެން ނުވާނެ.. މި ބޭޒާރާއި މި ހާދިސާ މަންމައަށް ތަހަންމަލެއް ނުކުރެވޭނެ.." އަސަރާއެކު އަމާރާ ބުނެލި އެވެ. 

އޭނާގެ ހިތުގެ އެންމެ ފުނުން، އަލިފާން ކަނި ބުރަމުން ދިޔައީ ޝައްޔާން އާއި ދިމާއަށެވެ.

"ދޮންތާ.. ފަލަކް އާއި ... ބައްދަލުކޮށްލުމުގެ ހުއްދަ.. ލިބިދާނެތަ؟" އިސްޖަހައިގެން ހުރެ، ރާފީ އެދުނީ އަމާރާގެ އިޒްނަ އަށެވެ.

"ނޫން!" ވަގުތުން އަމާރާ މަނާކުރި އެވެ.

"އެފަދަ އެއްވެސް ކަމެއް މިވަގުތު ކުރަން ނޫޅޭތި..! ޝައްޔާންގެ ރުޅި މަޑެއް ނުވޭ.. މި ދަނޑިވަޅުގައި ކޮންމެ ފަދަ ކަމެއް ކުރާންވެސް ޝައްޔާން ފަހަތަށް ނުޖެހޭނެ.." ލަފުޒުތަކަށް ބާރު ލާފައި އަމާރާ މަސައްކަތްކުރީ ރާފީއަށް ހާލަތުގެ ނާޒުކުކަން ވިސްނައިދެވޭތޯ އެވެ.

"ފަލަކް އެފަދަ ކަމެއް ކޮށްފާނެކަމަށް އަހަރެން ހިތަށްވެސް ނާރާ.. އެވަރުގެ ހިތްދަތިކަމެއް ފަލަކްއަށް ދިނުމަކީ، އަހަރެން ގަސްދުގައި ކުރިކަމެއް ނޫން.." އިސްޖަހައިގެން ހުރެ ރާފީ ވާހަކަ ދެއްކި އެވެ. ރާފީގެ އަމިއްލަ ނަފުސު ކުއްވެރިކޮށްފައިވާ މިންވަރު އަމާރާއަށް ވަޒަންކުރެވެ އެވެ. 

"ދޮންތަ އަށް އިނގޭ.." ރާފީގެ ކޮނޑުގައި ފިރުމާލަމުން އަމާރާ ބުންޏެވެ.

"ރާފީ އަބަދުވެސް ހަނދާންކުރާތި، ލޯތްބަކީ ފަސޭހަ ރާސްތާއެއްގައި ދަތުރުކޮށްގެން ހާސިލްކުރެވޭނެ އެއްޗެއް ނޫން.. އެ މަންޒިލަށް ވާސިލްވުމުގެ ކުރީން، ސިއްރާއި ފާޅުގައި ހަށިގަނޑުގެ އެތަށް ގުނަވަނަކުން، ލޭ އޮހޮރޭނެ.. ކެއްތެރިވޭ..! ހަގީގަތާއި ކުރިމަތިލާން ދަސްކުރޭ..!" 

މަންމައަކު ފަދައިން ރާފީއަށް ވިސްނައިދުމުގައި އަމާރާގެ މުޅި އުމުރު ހޭދަކުރާން ޖެހުނަސް، އޭނާ ފަހަތަކަށް ނުޖެހޭނެ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް