ads
ރާއްހެއާއި އިންޑިއާގެ ޒަމާންވީ ގުޅުން ރަމްޒުކޮށްދޭ ކުރެހުމެއް
ކާބަފައިންގެ ޒަމާނުއްސުރެ ވިޔަފާރިއާއި ސަގާފަތުން ގުޅިލާމެހިފައިވާ ރާއްޖެއާއި އިންޑިއާ
ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ މީގެ 2500 އެއްހާ އަހަރު ކުރިން ފެށިގެން އައިސްފައިވާ، ތާރީހީ ގޮތުން ވަރަށް ފުނަށް މޫލާފައިވާ ގުޅުމެކެވެ.
Advertisement

މިއީ ހަމައެކަނި އަވަށްޓެރި ދެ ގައުމުގެ ގުޅުމެއް ނޫނެވެ. ތާރީހީ އިލްމުވެރިން ފާހަގަކުރާ ގޮތުގައި ދިވެހިންގެ ކާބަފައިންގެ ތެރެއިން ބަޔަކު ރާއްޖެއަށް ހިޖުރަކޮށްފައިވަނީ އިންޑިއާގެ ހުޅަނގު އުތުރު ސަރަހައްދުންނާއި (މިހާރުގެ ގުޖުރާތު ހިސާބުން) އޮޅުދޫކަރައިންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދިވެހި ބަހާއި ސަގާފަތުގައި އިންޑިއާގެ އަސަރު ވަރަށް ބޮޑަށް އެކުލެވިފައިވެއެވެ.

އިގްތިސާދީ ގުޅުމަށް ބަލާއިރު، ދުނިޔޭގެ ވިޔަފާރީގެ މައިގަނޑު ފައިސާގެ ގޮތުގައި ބޮލި ބޭނުންކުރި ޒަމާނުގައި، ރާއްޖެއަކީ އިންޑިއާއަށް އެންމެ ގިނައިން ބޮލި ބޭރުކުރި ގައުމެވެ. ހާއްސަކޮށް މީލާދީން 4 ވަނަ ގަރުނުގެ ތެރޭގައި ވެސް އިންޑިއާގެ ބެންގާލް ސަރަހައްދުގެ ވިޔަފާރިވެރިންނާއި ދިވެހިންނާ ދެމެދު ވަރުގަދަ ވިޔަފާރީގެ ގުޅުމެއް އޮތްކަން ތާރީހީ ލިޔުންތަކުން ދައްކައެވެ. 

ރަސްމީ ސިފައެއްގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއްގައި އެންމެ ފުރަތަމަ ސޮއިކުރެވުނީ 1981 ވަނަ އަހަރުއެވެ. މިއީ ޒަމާނުއްސުރެ އޮތް ވިޔަފާރީގެ ގުޅުން ރަސްމީކޮށް ހަރުދަނާވެގެން ދިޔަ ކަމެކެވެ.

ޒަމާނީ ސިޔާސީ ތާރީހަށް ނަޒަރު ހިންގާލާއިރު، 1965 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުމާއެކު، ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އޭގެ ފަހުން 1972 ވަނަ އަހަރު މާލޭގައި އިންޑިއާގެ ހައިކޮމިޝަނެއް ހުޅުވުނެވެ. މިއީ ރާއްޖޭގައި ހުޅުވުނު އެންމެ ފުރަތަމަ ބޭރު ގައުމެއްގެ އެމްބަސީތަކުގެ ތެރެއިން އެއް އެމްބަސީއެވެ. އަދި 1976 ވަނަ އަހަރު ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މުހިންމު އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަށަވަރުވެ، މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖޭގެ ހައިބަތު އިތުރުވެގެން ދިޔައެވެ.

ރާއްޖެއަށް ދިމާވި ނުރައްކާތެރި ހާދިސާތަކުގައި އިންޑިއާއިން ވެފައިވާ އެހީތެރިކަމަކީ ވެސް ތާރީހުގައި ރަން އަކުރުން ލިޔެވިފައިވާ ކަންކަމެވެ. އޭގެ ތެރެއިން 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްކުރުމަށް ހިންގި "އޮޕަރޭޝަން ކެކްޓަސް" އާއި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ 2014 ވަނަ އަހަރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި "އޮޕަރޭޝަން ނީރު" ގެ ނަމުގައި އިންޑިއާއިން ފޯރުކޮށްދިން އަވަސް އެހީއަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު ހާދިސާއެކެވެ. މިއިން ކޮންމެ ކަމަކުން ދައްކުވައިދެނީ މި ގުޅުމަކީ އެތައް ގަރުނެއްގެ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް